ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ޕޮލިސް ސްޓޭޝަނުން ފިލި 18 އަހަރުގެ ޒުވާނަކު، އޭނާގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން، މި ދިވެހި ފިރިހެން މީހާއަކީ މައްސަލައެއްގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ހުރި މީހެކެވެ. އޭނާ ސްޓޭޝަނުން ނުކުމެގެން ގޮސްފައިވަނީ، އެތަނުން ދިއުމަކީ މަނާކަމެއްކަން ފުލުހުން ތަކުރާރުކޮށް އަންގަމުން ދަނިކޮށެވެ.
ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، އޭނާ ވަނީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައެވެ. އަދި އިތުރު ބަޔަކާ ގުޅިގެން ފުލުހުންގެ މަރުކަޒުގައި އޭނާ ހަރަކާތްތެރިވި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖު ފުލުހުން ވަނީ ކޯޓަށް ހުށަހަޅައި، އެކަން ކަށަވަރުކޮށްދީފައެވެ.
ގާނޫނު ތަންފީޒުކުރާ މުވައްޒަފުންގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމަކީ ވަރަށް ސީރިއަސް ކުށެއްކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ފުލުހުންގެ އިދާރާއަށް އޭނާ އެންމެ ފުރަތަމަ ހާޒިރުކުރީ ކޮން މައްސަލައެއްގެ ތަހުގީގަށް ކަމެއް ބަންދު އަމުރުގައި ބަޔާންކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ