ދިވެހިރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ފަންޑުކުރުމަށް ސަރުކާރުން އުފައްދާފައިވާ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ޗެއާޕާސަންގެ މަގާމުން އަރޫނީ ގޫނަތިލަކަ އިސްތިއުފާ ދެއްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އަރޫނީ އިސްތިއުފާ ދެއްވިކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް، އޭނާ އެ މަގާމު ދޫކޮށްލެއްވި ސީދާ ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ހާވާޑް ލޯ ސްކޫލުން މާސްޓާ އޮފް ލޯ ހާސިލްކުރައްވައިގެން ހުންނެވި އަރޫނީއަކީ މާލީ ހިދުމަތްތަކުގެ ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރެކެވެ.
ސަރުކާރުގެ އިގްތިސާދީ އަދި އުމްރާނީ ތަރައްގީގެ ސިޔާސަތުތަކަށް އެއްބާރުލުންދީ، ރާއްޖޭގައި ބޭރު ފައިސާ ހިފެހެއްޓުމުގެ މަގުސަދުގައި 2024 ވަނަ އަހަރުގެ މެއި މަހު އުފެއްދި މި ބޭންކަށް ދެ އަހަރު ވެފައިވާއިރު، އަދިވެސް ރަސްމީކޮށް އަމަލީ މަސައްކަތްތަކެއް ފެށިފައެއް ނުވެއެވެ. އެ ބޭންކަށް ބޭންކިން ލައިސަންސް 2024 ގެ އޮކްޓޯބަރު މަހު ލިބުނު ނަމަވެސް، ވިޔަފާރި ފެށުމުގެ ހުއްދަ އެމްއެމްއޭއިން ދީފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
އަރޫނީ އިސްތިއުފާ ދެއްވާފައިވާއިރު، ޑީބީއެމްގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރި ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް ވެސް ވަނީ މިދިޔަ އަހަރުގެ މާޗު މަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ. މަގާމުން ވަކިވެވަޑައިގަތުމަށްފަހު މުސާރަ ނުލިބޭކަމަށް ބުނެ އޭނާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހެޅި ނަމަވެސް، އެ މައްސަލަ ފަހުން ވަނީ ބާތިލްކޮށްފައެވެ. އެކަމާ ގުޅިގެން ޑީބީއެމް އިން ބުނެފައިވަނީ އޭނާއަށް ލިބެންޖެހޭ މުސާރަ ފުރިހަމައަށް ދީފައިވާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ