ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަން ސްރީލަންކާގެ މަސްބޯޓެއް ހަ ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށްފަހު، އެ އުޅަނދު ދައުލަތަށް ނެގުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ސިވިލް ކޯޓުގެ އިސްގާޒީ މަރްޔަމް ވަހީދު މިދިޔަ ހަފުތާގައި ކުރެއްވި މި ހުކުމަކީ، 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުން ހިފެހެއްޓި ބޯޓަކާ ގުޅިގެން ކުރެއްވި ހުކުމެކެވެ. ކޯޓުގެ ނިންމުމުގައިވާ ގޮތުން، ޖޫރިމަނާގެ ފައިސާ އެއް ދުވަހުގެ ތެރޭގައި ދެއްކުމަށް ބޯޓުގެ ވެރިފަރާތަށް ވަނީ އަންގާފައެވެ. މި އުޅަނދު އަތުލައިގަތްއިރު އޭގައި ގިނަ އަދަދަކަށް މަސް ހުރިކަން މައްސަލައިގެ ރިޕޯޓުން ހާމަވެއެވެ.
ޝަރީއަތުގެ މަޖިލީހުގައި ބޯޓުގެ ވެރިފަރާތުން ދިފާއުގައި ބުނެފައިވަނީ، ރާއްޖޭގެ ސަރަހައްދަށް ވަދެވުނީ މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދާ އަޅައި، މަސްވެރިކަން ކޮށްފައި ނުވާނެ ކަމަށް ބުނެ، ދައުލަތުން ކުރާ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކޮށްފައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަނެތި ވަންނަ ބޭރުގެ އުޅަނދުފަހަރާ މެދު ކަމާބެހޭ ފަރާތްތަކުން އަންނަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. ހާލުގައި ޖެހިގެން ބައެއް އުޅަނދުތައް ރާއްޖެއަށް ވަންނަން މަޖުބޫރުވި ނަމަވެސް، ގަވާއިދާ ޚިލާފަށް ވަންނަ ބޯޓުފަހަރު ކޯސްޓްގާޑުން އަންނަނީ ހިފަހައްޓަމުންނެވެ. އެގޮތުން، މިދިޔަ އޭޕްރިލް މަހުވެސް ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ލަންކާގެ އެހެން ބޯޓެއް 2.6 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ