އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ އިދާރާތަކެއްގެ މީޑިއާ އަދި ޕަބްލިކް ރިލޭޝަންސް (ޕީއާރް) މަސައްކަތްތައް ކުރުމަށްޓަކައި ޕީއާރް ފާމެއް ހޯދަން އެ މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. މި އެއްބަސްވުމުގެ ދަށުން މިނިސްޓްރީގެ އިތުރުން، ނެޝަނަލް ސެންޓަރ ފޯރ ދި އާޓްސް، ނެޝަނަލް ސެންޓަރ ފޯރ ކަލްޗަރަލް ހެރިޓޭޖް، ދިވެހިބަހުގެ އެކެޑަމީ، ނެޝަނަލް ބިއުރޯ އޮފް ކްލަސިފިކޭޝަން، ނެޝަނަލް އާކައިވްސް އޮފް މޯލްޑިވްސް އަދި ނެޝަނަލް ލައިބްރަރީ އޮފް މޯލްޑިވްސްގެ ޕީއާރް ކަންކަން ބަލަހައްޓަން ޖެހޭނެއެވެ. އަދި މި އިދާރާތަކުގެ ދަށުން ހިންގާ ޑިޕާޓްމެންޓުތަކާއި، ޕްރޮގްރާމްތަކާއި، އިވެންޓުތަކުގެ އިތުރުން ކެމްޕޭނުތަކުގެ ޕްރޮމޯޝަން މަސައްކަތްތައް ވެސް ކުރަންޖެހޭނީ ހޮވޭ ކުންފުންޏަކުންނެވެ.
މި މަސައްކަތާ ހަވާލުވާ ކުންފުންޏަކުން ކުރަންޖެހޭ މައިގަނޑު ކަންކަމުގެ ތެރޭގައި ނޫސްވެރިންގެ ބައްދަލުވުންތައް އިންތިޒާމުކުރުމާއި، ރާއްޖެއާއި ބޭރުގެ މީޑިއާތަކާ ގުޅުން ބަދަހިކުރުން ހިމެނެއެވެ. މީގެ އިތުރުން އަހަރީ ރިޕޯޓުތައް ތައްޔާރުކުރުމާއި، ސޯޝަލް މީޑިއާ އެކައުންޓުތައް ހިންގުމާއި، މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި މައުލޫމާތަށް އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުން ވެސް ހިމެނޭކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 14 ވާ އަންގާރަ ދުވަހުގެ މެންދުރު 11:30 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށް ނުވަތަ ރަސްމީ ނަންބަރު 7660603 އަށް ގުޅުމަށްވެސް ވަނީ އަންގާފައެވެ.
ކޮމެންޓު ފޮނުވާ