ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ބޭންކިންގ ދާއިރާގެ މުޢާމަލާތްތަކަކީ ފާހަގަވެސް ނުވާނެހާ ފަސޭހައިން އޮޓޮމެޓިކުން ހިނގާނެ ކަންކަމަށް ވެގެންދާނެކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދަރުބާރުގޭގައި ކުރިއަށްގެންދާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ" ގެ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، އީޖާދީ ވަސީލަތްތަކާއެކު މާލީ މުޢާމަލާތްތައް ވަރަށް ބޮޑަށް ހަލުވިވެގެންދާނެ ކަމަށެވެ. އެގޮތުން ފަތުރުވެރިން ރާއްޖެއަށް އައުމަށް ކުރާ ބުކިންގތަކުގެ ފައިސާ، އޭޕީއައި (API) މެދުވެރިކޮށް އެކި ޚިދުމަތްތެރިންނަށް (ރިސޯޓުތަކަށާއި ދަތުރުފަތުރުކުރާ ފަރާތްތަކަށް) ވަގުތުން ޖަމާވާނެ ފަސޭހަ ނިޒާމެއް ގާއިމުވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޑިޖިޓަލް އައިޑެންޓިޓީއާއި ބަޔޮމެޓްރިކްސްގެ އެހީގައި ފައިސާ ދެއްކުން އާންމުވެ، މުޢާމަލާތްތަކުގެ ސަލާމަތްތެރިކަން އިތުރުވެގެންދާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ހަމައެހެންމެ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހައިން ވޯކިންގ ކެޕިޓަލް ހޯދުމާއި، މާލީ ލަފާދިނުމުގެ އިތުރުން މަކަރާއި ހީލަތުން ކުރާ މުޢާމަލާތްތައް ހުއްޓުވުމަށްވެސް ކުރިމަގުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ