މާވެޔޮމަގަށް ފްރިޖެއް އެއްލާލި މީހަކު ހޯދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި

މާވެޔޮމަގަށް ފްރިޖެއް އެއްލާލި މީހަކު ހޯދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި

Author
އަހުމަދު
04 ޖުލައި 2026 07:11
0

މާލޭގެ މާވެޔޮމަގަށް ބާ ފްރިޖެއް އެއްލާލި ފަރާތް ހޯދައި، ގަވާއިދާ ޚިލާފަށް މަގުތަކަށް ކުނިއަޅާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީގެ އެކި ސަރަހައްދުތަކަށް ކުނި އަޅަމުންދާ ފަރާތްތައް ހޯދުމުގެ މަސައްކަތް ކައުންސިލުން ފަށާފައިވާއިރު، މިހާރު އެންމެ ބޮޑަށް ހޯދަމުންދަނީ މާވެޔޮމަގު އިރުފުހޭގޭ ކައިރިއަށް ފްރިޖެއް ދޫކޮށްލި ފަރާތަކާއި ކޯރުކެނޑި މަގަށް ކުނިތަކެއް އެޅި ބައެކެވެ. މީގެ އިތުރުން މާލޭގެ އެކި ސަރަހައްދުތަކަށް ޖަމާކޮށްފައި ހުރި ގާކުނޑިތައް ނަގައި ސާފުކުރުމުގެ މަސައްކަތްވެސް އެ ކައުންސިލުން މިހާރު ދަނީ ކުރަމުންނެވެ. އަދި މަގުތަކުގައި ގަވާޢިދާ ހިލާފަށް ކުނި ބަހައްޓާ ފަރާތްތައް ހޯދައި އެފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށްވެސް ވަނީ ނިންމާފައެވެ.

ސިޓީ ކައުންސިލުން މައުލޫމާތު ދޭގޮތުގައި، މަގުތަކަށް އުކައިލައިފައި ހުންނަ ކުނި ނަގައި ސާފުކުރުމަށް އެކަނިވެސް އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 60 މިލިއަން ރުފިޔާ ހޭދަވެއެވެ. ރައްޔިތުންގެ އާދަކާދައަށް ބަދަލުގެނެސް މަގުތަކަށް ކުނިއެޅުން ހުއްޓައިލައިފިނަމަ، މިއީ މާލޭގެ ޕާކުތަކާއި، މައިޒާންތަކުގެ އިތުރުން މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ބޭނުންކުރެވިދާނެ ފައިސާއެއްކަން ކައުންސިލުން ފާހަގަކުރެއެވެ. މާލެ ސާފުކޮށް ބޭއްވުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާއިރު، މަގުތަކަށް ކުނި އަޅާ މީހުން ފެންނަނަމަ ކައުންސިލްގެ ހޮޓްލައިން 1622 އަށް ގުޅައިގެން ނުވަތަ 9341144 އަށް ފޮޓޯއާއި ވީޑިއޯ ފޮނުވައިގެން އެކަން ރިޕޯޓްކުރުމަށް ކައުންސިލުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.