ލ. ގަމު ހަމަދު ސްކޫލަށް 18 އަހަރު ޚިދުމަތްކުރި ބަޔޮލޮޖީ ޓީޗަރު ކުއްލި ގޮތަކަށް ނިޔާވުން ބޮޑު ހިތާމައެއް!

ލ. ގަމު ހަމަދު ސްކޫލަށް 18 އަހަރު ޚިދުމަތްކުރި ބަޔޮލޮޖީ ޓީޗަރު ކުއްލި ގޮތަކަށް ނިޔާވުން ބޮޑު ހިތާމައެއް!

Author
އަހުމަދު
04 ޖުލައި 2026 11:38
0

ލ. ގަމުގައި ހުންނަ ހަމަދު ބިން ޚަލީފާ އަލް ސާނީ ސްކޫލުގައި 18 އަހަރަށްވުރެ ދިގު މުއްދަތަކަށް ބަޔޮލޮޖީ ކިޔަވައިދިން ޓީޗަރު، ސަތީޝް ގޯޕިނާދަން ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ހަވީރުގެ ވަގުތެއްގައި ސަތީޝް އުޅުނީ އޭނާގެ ބޮލުގައި ރިއްސާތީއެވެ. އޭގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ނުވެގެން، އެކުގައި އުޅޭ މީހުން ގޮސް ބެލިއިރު އޭނާ އޮތީ ނިޔާވެފައެވެ. އެނގިފައިވާ ގޮތުގައި ސަތީޝް ރާއްޖޭގައި ދިރިއުޅެމުން ދިޔައީ އާއިލާއާ ދުރުގައި އެކަންޏެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ހަމަދު ސްކޫލުން ވަނީ ސޯޝަލް މީޑިއާގައި ހިތާމަފާޅުކޮށް ޕޯސްޓެއް އާންމުކޮށްފައެވެ. އެ ސްކޫލުން ބުނި ގޮތުގައި 18 އަހަރާއި 9 މަސް ދުވަސް ވަންދެން ސްކޫލަށާއި އެ ރަށުގެ މުޖުތަމައަށް ސަތީޝް ކޮށްދިން އަގުހުރި ޚިދުމަތްތަކަކީ ދުވަހަކުވެސް ހަނދާން ނެތިގެންދާނެ ކަންކަމެއް ނޫނެވެ.

ސަތީޝް ފާހަގަކުރެވިފައިވަނީ ހަމައެކަނި ފިލާވަޅު ނަގައިދޭ ޓީޗަރެއްގެ ގޮތުގައެއް ނޫނެވެ. ސްކޫލުން ސިފަކުރި ގޮތުގައި އޭނާއަކީ ދަރިވަރުންނަށް ހެޔޮލަފާ މަގުދައްކައިދިން މެންޓަރެކެވެ. އަދި އޭނާގެ އޯގާތެރިކަމާއި ފުޅާ އިލްމުގެ ސަބަބުން އެތައް ޖީލެއްގެ ކުދިންނަށް ކުރިއަރަން ހިތްވަރު ލިބިފައިވާކަމަށާއި، އޭނާ ދަންނަ އެންމެހާ ފަރާތްތަކުގެ ހިތްތަކުގައި އެ ހަނދާންތައް އަބަދަށް ދެމިހުންނާނެކަމަށްވެސް އެ ސްކޫލުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.