ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިގެން މޮނިޓަރިންއަށް ލާފައިވާ ލ.ފޮނަދޫގެ މޮނިޓަރިންގ ހާލަތު މިއަދު އުވާލައިފިއެވެ.
ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ އެރަށުން ކޯވިޑް-19 ޖެހިފައިވާ ބަޔަކު ފެނުމާއި ގުޅިގެން އިއުލާންކޮށްފައި އޮތް މޮނިޓަރިންގެ ޙާލަތު އުވާލާފައިވަނީ އާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މޮނިޓަރިންގގެ ޙާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް ނެތުމުންކަމަށެވެ. ލ.ފޮނަދޫ މޮނިޓަރިން އަށް ލާފައިވަނީ 9 ޖެނުއަރީގައެވެ.
އެރަށް މޮނިޓަރިންއަށް ލާފައިވަނީ ދެއްވަދޫ ކްލަސްޓަރއާއި ގުޅުންހުރި 4 މީހަކު އެރަށުން ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. މި މީހުން ޕޮޒިޓިވްކަން އެނގުނީ ކޯވިޑްގެ އާލާމާތްތަކެއް ހުރިކަން ފާހަގަކުރެވިގެން ޓެސްޓްކުރުމުންނެވެ. މި އެންމެންނަކީ ވެސް ދެއްވަދޫއިން ފޮނަދޫއަށް ދަތުރުކޮށްފައިވާ މީހުންކަމަށް އެޗްއީއޯސީން ވަނީ ވިދާޅުވެފައެވެ.
އަތޮޅުތެރޭގައި ކޯވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ