މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމާއި މަގުމަތީގެ އެކްސިޑެންޓުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ނިމިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ކުށްކުރާ މިންވަރު ވަނީ %7 އިތުރުވެފައެވެ. އެގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި 5،757 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް ޖުމްލަ 6،198 މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
މި މުއްދަތުގައި ހުށަހަޅާފައިވާ މުޅި ޖުމްލަ މައްސަލަތަކުގެ %28 އަކީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 1،775 ވައްކަމުގެ މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން، ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަގުމަތީގެ އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. އެއީ ޖުމްލަ މައްސަލަތަކުގެ %24 އެވެ. މިއަހަރުގެ މިހާތަނަށް 1،568 އެކްސިޑެންޓް ހިނގާފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ %2 އިތުރު އަދަދެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނައިން އެކްސިޑެންޓް ހިނގާފައިވަނީ 303 މައްސަލައާއެކު މިދިޔަ ޖަނަވަރީ މަހުގައެވެ.
ވައްކަމާއި އެކްސިޑެންޓުގެ އިތުރުންވެސް ތަފާތު އެކި ކުށްތަކުގެ މައްސަލަތައް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ 1،116 މައްސަލައަކާއި، މާރާމާރީގެ 339 މައްސަލަ އަދި މުދަލަށް ގެއްލުން ދިނުމުގެ 326 މައްސަލަ ހިމެނެއެވެ. ހަމައެހެންމެ، ގެވެށި އަނިޔާގެ 172 މައްސަލައާއި ޖިންސީ ކުށުގެ 131 މައްސަލަވެސް މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު ރިޕޯޓުކޮށްފައިވެއެވެ.
މިފަދަ ކުށްތަކާއި އެކްސިޑެންޓުތައް މަދުކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، "ރައްކާ ރޯޑް ސޭފްޓީ ކެމްޕެއިން" ގެ ދަށުން މާލެއާއި އަތޮޅުތެރޭގައި ހޭލުންތެރިކުރުމުގެ ތަފާތު ހަރަކާތްތަކާއި ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ.
ކޮމެންޓު ފޮނުވާ