ތިނަދޫ ކައުންސިލް ރައީސް ވަކިކުރުން ޝާހިދު ކުށްވެރިކުރައްވައިފި

ތިނަދޫ ކައުންސިލް ރައީސް ވަކިކުރުން ޝާހިދު ކުށްވެރިކުރައްވައިފި

Author
އަހުމަދު
04 ޖުލައި 2026 11:36
0

ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމުގެ މަޤާމުން ޝުޖާއު ޢަލީ ވަކިކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އިދިކޮޅު އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ރޭ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އިންތިޚާބުކޮށްފައިވާ މަޤާމެއް ގެއްލިއްޖެކަން ކަނޑައަޅަންވާނީ ޤާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ކަމަށާއި، ޝުޖާއުގެ މައްސަލައިގައި އެކަންކަމަށް ރިޢާޔަތްކޮށްފައިނުވާ ކަމަށެވެ. އަދި އެމްޑީޕީއާ ގުޅުމުން ސިޔާސީ ގޮތުން ފިޔަވަޅު އަޅައި، ޤާނޫނީ އިޖުރާއަތްތަކާ ޚިލާފަށް ރައްޔިތުންގެ ނިންމުމަށް އިޙްތިރާމް ނުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޝާހިދު ވިދާޅުވިއެވެ.

"އެލްޖީއޭގެ ނިންމުން އަނބުރާ ގެންދަންޖެހޭ. ސަރުކާރުން ޤާނޫނުގެ ވެރިކަން ނަގަހައްޓަން ދަސްކުރަންޖެހޭ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ މި ފާޑުކިޔުންތައް އަމާޒުކުރައްވާފައި މިވަނީ، ކައުންސިލްގެ ހިނގަމުންދާ ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކުރުމާ ގުޅިގެން ޝުޖާއުގެ ގޮނޑި ގެއްލިފައިވާކަމަށް އެލްޖީއޭއިން ކަނޑައެޅުމާ ގުޅިގެންނެވެ.

އެލްޖީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޝުޖާއު އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް މެއި 19 ގައި ސޮއިކޮށްފައިވާކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން ޖޫން 30 ގައި ބޭއްވި ބޯޑު ބައްދަލުވުމުގައި ވަނީ ޝުޖާއުގެ ގޮނޑި ހުސްވެފައިވާކަން އީސީއަށް އެންގުމަށް ނިންމާފައެވެ.

ޝުޖާއު ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރެއްވީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައެވެ. ނަމަވެސް ޤާނޫނީ ގޮތުން ޕާޓީއެއްގައި ތިބުން ލާޒިމުކުރާ ޢަދަދަށް މެމްބަރުން ހަމަނުވުމުގެ ސަބަބުން އޭޕްރީލް 11، 2026 ގައި އީސީން ވަނީ އެ ޕާޓީ އުވާލާފައެވެ.

މި މައްސަލައާ ގުޅިގެން މީގެ ކުރިން "އަދަދު" އަށް މަޢުލޫމާތު ދެއްވަމުން ޝުޖާއު ވިދާޅުވީ އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތީ ޑިމޮކްރެޓްސް އުވާލިކަން އެންގުމުން ކަމަށެވެ.

"އަސްލު ޕާޓީ އުވާލުމުން އެހެން ޕާޓީއަކާ ގުޅުމަކީ ކައުންސިލް ގޮނޑި ގެއްލޭނެ ސަބަބެއް ކަމަށް އަޅުގަނޑު ޤަބޫލެއްނުކުރަން،" ކުރިން ވ. އަތޮޅު ކައުންސިލްގެ ރައީސްކަންވެސް ކުރައްވާފައިވާ ޝުޖާއު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.