ޅެންވެރިކަމުގެ ފަންނު ފަހުގެ ޖީލުތަކާ ހަމައަށް ވާސިލުކޮށްދޭންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ 32 ވަނަ ޅެންވެރިންގެ ދުވަހުގެ މުނާޞަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ޅެންވެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހި ޅެންވެރިންނަށް އަރިސްކުރައްވާފައެވެ. ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް ޞާލިހު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޅެންވެރިކަމަކީ އަދަބިއްޔާތަށް މުއްސަނދިކަން ގެނެސްދޭ ފަންނެއް ކަމުގައެވެ.
ޅެންވެރިންގެ ދުވަހުގެ ތަހުނިޔާއާ ހެޔޮ އެދުންތައް ދިވެހި ޅެންވެރިންނަށް އަރިސްކުރަން. ޅެންވެރިކަމަކީ އަދަބިއްޔާތަށް މުއްސަނދިކަން ގެނެސްދޭ ފަންނެއް. އަދި މިއީ އިންސާނާގެ އެންމެ ފުން އިޙްސާސްތަކާ ގުޅިފައިވާ ފަންނެއް ވެސްމެ. މި ފަންނު ފަހުގެ ޖީލުތަކާ ހަމައަށް ވާސިލުކޮށްދޭންޖެހޭ.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ސަރުކާރުން ވަނީ 1988ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ޅެންވެރިންގެ ދުވަހުގެ ގޮތުގައި ކަޑައަޅާފައެވެ. އެއާއެކު ކޮންމެ އަހަރެއްގައިވެސް މިދުވަސް ފާހަގަކުރަމުން އަންނަނީ ޅެންވެރިންގެ އަގުވަޒަންކޮށް ޅެންވެެރިކަން ދިރުވައި އާލާކޮށް ޅެންވެރިންނަށް ހިތްވަރުދޭ ދުވަހުގެ ގޮތުގައެވެ.
މިއަހަރުގެ ޅެންވެރީންގެ ދުވަހަށް ކަނޑައެޅިފައިވާ ޝިޢާރަކީ " ތެދުވާށެ އަލުން އާ ދިރުމެއް ދޭނެ ގޮތެއްގައި" މިއެވެ. މިއީ އައްނަބީލާ ފާޠިމަތު ސަޢީދު "އޭ ދިވެހި ޤައުމާއެވެ!" މި ސުރުޚީއަށް ހެއްދެވި ޅެމުގެ ފުރަތަމަ ބައިތުގެ ފުރަތަމަ މިސްރާއެވެ.
މިއަހަރު މިޝިއާރުގެ ގޮތުގައި ކަނޑައެޅީ މިއަހަރު ޅެންވެރިންގެ ދުވަސް ބައްދަލުކުރިއިރު މުޅި ދުނިޔެއާއި ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ނުރައްކަލުގެ ނުތަނަވަސްކަމުން އަރައިގަތުމަށް ހިތްވަރު ދިނުމުގެ ގޮތުންކަމަށް ދިވެހިބަހުގެ އެކަޑަމީން ވިދާޅުވެއެވެ. އަދި މި އަޑިގުޑަންގަނޑުން އަރައިގަތުމަށް ހުރިހާ ދިވެހިންނަށްވެސް އައު އަޒުމަކާއި އައު ހިތްވަރަކާއެކު ކުރިއަށް ދިޔުމުގެ އުއްމީދު އާކޮށްދިނުމަށްކަމަކީވެސް މިކަމުގެ މަޤުސަދެކެވެ.
ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމުގެ މަގުސަދަކީ ދިވެހި ޅެންވެރިންގެ ޚިދުމަތުގެ އަގުވަޒަންކޮށް ޅެންވެރިކަމަށް ދިވެހިން ހޭލުންތެރި ކުރުންކަމުގައި ދިވެހި ބަހުގެ އެކަޑަމީން މައުލޫމާތުދެއެވެ. ޅެންވެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ ފަނަރަވަނަދުވަހުއެވެ.
ޅެންވެރިންގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 1989 ވަނަ އަހަރުއެވެ.
ކޮމެންޓު ފޮނުވާ