މާލެ ސިޓީ ކައުންސިލުން ވިލިމާލެ ފަޅުތެރެ ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް އަޅާފައިވާ 17 އުޅަނދެއް ޖޫރިމަނާކޮށްފިއެވެ.
މި ފިޔަވަޅަކީ ވިލިމާލޭގެ ފަޅުތެރެ ތަރުތީބުކޮށް ބެލެހެއްޓުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެކެވެ. ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި އުޅަނދުތައް ޖޫރިމަނާކުރީ އުސޫލުތަކާ ޚިލާފަށް ފަޅުތެރޭގައި އުޅަނދުތައް ބޭއްވުމުގެ ސަބަބުން، ހުއްދަ ނަގައިގެން ގަވާއިދާ އެއްގޮތަށް ފަޅު ބޭނުންކުރާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިލާންޖެހޭތީއެވެ. އެހެންކަމުން މިއީ އާންމު ރައްޔިތުންނަށް ދިމާވާ މިފަދަ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ވިލިމާލޭގެ ފަޅަކީ ސީދާ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ސަރަހައްދަކަށް ވާއިރު، ހުއްދަ ނެތި ފަޅު ބޭނުންކުރާ ފަރާތްތައް މަދުކޮށް، ފަޅުގެ އިންތިޒާމުތައް ހަރުދަނާކުރުމަށް އެ އިދާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ފަޅު ބޭނުންކުރުމުގައި ހެދިފައިވާ ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށާއި، އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް ކައުންސިލުން ވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ