އިންޑޮނޭޝިއާއަށް ހޮނިހިރު ދުވަހު އައި ބާރުގަދަ ދެ ބިންހެލުމުގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރައީސް ޕްރަބޮވޯ ސުބިއަންޓޯއަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސް ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، މަރުވި މީހުންގެ ޢާއިލާތަކަށާއި އިންޑޮނޭޝިއާ ސަރުކާރާއި ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި، ގެއްލުން ލިބުނު ފަރާތްތަކާއެކު ދިވެހީން ތިބިކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެ އިތުރުން، ސަލާމަތީ ޚިދުމަތްތެރިންގެ މަސައްކަތްތައް ފާހަގަކުރައްވައި، އެ ޤައުމުގެ ރައްޔިތުންނަށް ހެޔޮ ސިއްޙަތެއް މިންވަރު ކުރެއްވުމަށް އެދި ރައީސް ދުޢާ ދެންނެވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ހޮނިހިރު ދުވަހުގެ ފަތިހު އިންޑޮނޭޝިއާއަށް ފުރަތަމަ އައި ބިންހެލުމުގެ ބާރުމިން ރިކްޓަރ މިންގަނޑުން 7.7 އަށް އެރިއިރު، ދެވަނަ ބިންހެލުމުގެ ބާރުމިން ހުރީ 6.9 ގައެވެ. ސުމާތުރާގެ ޕެމަތަންގްސިއަންތާރް އަށް އެންމެ ބޮޑު ގެއްލުން ލިބުނު މި ބިންހެލުމުގައި މިހާތަނަށް 38 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓު ފޮނުވާ