ނެޓްބޯޅައިގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ނައުރާއަށް

ނެޓްބޯޅައިގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ނައުރާއަށް

Author
އަހުމަދު
16 އޮގަސްޓް 2026 12:31
0

ރާއްޖޭގެ ކުޅިވަރު ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު، ނެޓްބޯޅައިގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚިދުމަތްތެރިއެއް ކަމަށްވާ ހ. ސީޓް، ޢާއިޝަތު ނައުރާއަށް ލިބިއްޖެއެވެ.

ނައުރާއަށް މި އިނާމު އަރުވާފައިވަނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. މަދުރަސީ ދައުރުން ފެށިގެން ކުޅިވަރުގައި ފާހަގަކޮށްލެވުނު ނައުރާ، 1993 ވަނަ އަހަރު އަމީނިއްޔާ ސްކޫލުގެ ނެޓްބޯޅަ ޓީމުގައި ދެއްކި މޮޅު ކުޅުމާއެކު އޭނާގެ ވިދުން ގަދަވިއެވެ. އޭގެފަހުން 1996 ވަނަ އަހަރު އޭނާވަނީ ޤައުމީ ނެޓްބޯޅަ ޓީމުން ޖާގަ ހޯދައި، ޤައުމީ ޖާޒީގައި ބައިނަލްއަޤްވާމީ ގިނަ މުބާރާތްތަކުގައި ރާއްޖެ ތަމްސީލްކޮށްދީފައެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ދެއްކި ހުނަރާއި، ރިވެތި އަޚްލާޤާއި، ސާބިތުކަމުގެ ސަބަބުން ނައުރާ ވެފައިވަނީ އެހެން ކުޅުންތެރިންނަށް ލާމަސީލު މިސާލަކަށެވެ. 1998 ވަނަ އަހަރުން ފެށިގެން ކޯޗިންގ އަދި އަމްޕަޔަރިންގގެ އެކި ލެވެލްތަކުގެ ކޯސްތައް ރާއްޖެއާއި ރާއްޖެއިން ބޭރުން ފުރިހަމަކުރި ނައުރާ، މިއަދާ ހަމައަށްވެސް ދަނީ ކޯޗެއްގެ ގޮތުގައި ޒުވާން ކުޅުންތެރިން ބިނާކުރުމާއި، އަމްޕަޔަރެއްގެ ހައިސިއްޔަތުން ޚިދުމަތްކުރަމުންނެވެ.

ހަމަ އެއާއެކު، ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޓެކްނިކަލް ޑިރެކްޓަރުކަމާއި ސެކްރެޓަރީ ޖެނެރަލްކަންވެސް ނައުރާ އަދާކޮށްފައިވެއެވެ. މީގެ އިތުރުން، އެ އެސޯސިއޭޝަންގެ ޖަޖިންގ އެންޑް އެޑްވައިޒަރީ ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި މިހާރުވެސް ދަނީ ޚިދުމަތްކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.