ރާއްޖޭގައި އަނެއްކާވެސް ކޯވިޑްގެ ހާލަތު ގޯސްވެ ބަލިފެތުރޭ ނިސްބަތް އިތުރުވަމުންދާތީ ހުރިހާ ރައްޔިތުން ގުޅިގެން އެއްބައިވަންތަ ކަމާއިއެކު ބަލި ކޮންޓްރޯލް ކުރުމަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ.
ކޯވިޑްގެ ނުރައްކާތެރިކަން ރާއްޖޭގައި އަނެއްކާވެސް އިތުރުވެ ބަލި ޖެހޭ މީހުންގެ ނިސްބަތް ދަނީ އިތުރުވަމުންނެވެ. ޚާއްސަކޮށް އަތޮޅު ތެރޭގައި ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެ، އަތޮޅު ތެރޭގައި ބަލި ކޮންޓްރޯލް ނުވެދާނެކަމުގެ ބިރުވެސް އެބައޮތެވެ. މިކަމާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ މިއީ ޚިޔާލުތަފާތުވެ، ބައިބައިވުމަށްވުރެ އެއްބައިވަންތަ ކަމާއިއެކު މަސައްކަތްކޮށް، ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަންޖެހޭ ވަގުތުކަމަށެވެ. ކުދި ރަށްތަކުގައި ބަލި ކޮންޓްރޯލް ނުވެއްޖެ ހާލަތުގައި ފަރުވާނުދެވި އެންމެ އެކަށީގެންވާ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ބިރު އެބައޮތްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އަނެއްކާވެސް ކޯވިޑް-19 ގެ ހާލަތު ރާއްޖޭގައިވެސް ނާޒުކު ފައްތަރަކަށް! ކުދި ރަށްތަކަށް ބަލި ފެތުރުން ކޮންޓްރޯލް ނުކުރެވިއްޖެނަމަ، ފަރުވާއާއި، އެހެނިހެން އެހީތައް ފޯރުކޮށް ނުދެވިދާނެ ކަމުގެ ބިރުއެބައޮތް. އެންމެން އެއްބާރުލައިގެން ބަލި ފެތުރުނަ ނުދިނުމަށް މަސައްކަތް ކުރަމާ!
– އާދަމް ޝަރީފް ވިދާޅުވިއެވެ.
އަތޮޅު ތެރެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު، ބަލި ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުންނުދާކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި އަތޮޅު ތެރޭގައި ބަލި ފެތުރެން ދިމާވެފައިވާ އެންމެބޮޑު ސަބަބަކީ ސަރުކާރުގެ ވެރިންނާއި، ކުންފުނިތަކުން އެއްވެސް ފަރުވާލެއްނެތި ރަށްރަށަށް ދަތުރުކޮށް، ކުރެއްވި ކަންތައްތަކުންކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.
ރާއްޖެއިން ބަލި ޖެހޭ މީހުންގެ ނިސްބަތް މިހާރު ދުވާލެއްގެ މައްޗަށް އުޅެނީ 40 އިން މަތީގައެވެ. ބަލި ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ދަނީ ޚާއްސަ އިރުޝާދުތަކެއްދީ ރަށްރަށުގައިވެސް ގައިޑްލައިންތަކަށް ފުރިހަމައަށް އަމަލު ކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ