ހަންކެޑެ ތަރައްޤީކުރުމުގެ އައު މަޝްރޫއެއް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިޢުލާންކުރަނީ

ހަންކެޑެ ތަރައްޤީކުރުމުގެ އައު މަޝްރޫއެއް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިޢުލާންކުރަނީ

Author
އަހުމަދު
30 ޖޫން 2026 10:29
0

އައްޑޫ ސިޓީގެ ހަންކެޑެ ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ފަދަ ތަފްސީލީ މަޝްރޫއެއް ކުރިއަށް އޮތް ދެތިން ހަތަރު ހަފުތާގެ ތެރޭގައި އިޢުލާންކުރައްވާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އަމީން ފާހަގަކުރެއްވި ގޮތުގައި، މިއީ މުޅި ދެކުނުގެ ފަތުރުވެރިކަމަށާއި އައްޑޫގެ ރައްޔިތުންނަށް ނުހަނު މުހިންމު މަޝްރޫއެއް ކަމަށް ސަރުކާރުން ދެކެއެވެ. އަދި މި މަސައްކަތް ފެށުމަށްޓަކައި މިހާރުވެސް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ހަންކެޑެއަކީ 1،000 އެނދުގެ އިންޓަގްރޭޓެޑް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމައި، ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހު ޓޫރިޒަމް މިނިސްޓްރީން އިޢުލާންކޮށްފައިވާ ރަށެކެވެ. މީގެ ކުރިން އެރަށް ހަލާލު ޓޫރިޒަމަށް ޚާއްސަކުރަން ސަރުކާރުން އުޅުނު ނަމަވެސް ފަހުން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.

މިއީ ތާރީޚީ ގޮތުން ބަލާއިރު ގިނަ ފަހަރުތަކެއްގެ މަތިން މަސައްކަތް ފަށަން އުޅެ ނާކާމިޔާބުވެފައިވާ މަޝްރޫއެކެވެ. ފާއިތުވި 21 އަހަރުގެ ތެރޭގައި އެކި ސަރުކާރުތަކުން މި މަޝްރޫއު ކުރިއަށްގެންދިއުމަށް ހަތަރު ކުންފުންޏަކާ ހަވާލުކޮށްފައިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ކުންފުނިތަކާއި، ސިންގަޕޫރު އަދި ޗައިނާގެ ކުންފުނިތައް ހިމެނުނު ނަމަވެސް، އެއްވެސް ފަރާތަކަށް މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވިފައެއް ނުވެއެވެ. އެންމެ ފަހުން މި އަހަރުގެ އޭޕްރީލް މަހުވެސް މި މަޝްރޫއު އަލުން އިޢުލާންކުރިއެވެ. ނަމަވެސް އަދިވެސް އަމަލީ ސިފައެއް އައިސްފައެއް ނުވެއެވެ. ރައްޔިތުން މިހާރު އިންތިޒާރުކުރަމުން ދަނީ އައު ސަރުކާރުގެ މި އިޢުލާނާއެކު މި މަޝްރޫއަށް ހަގީގީ ސިފައެއް އަންނާނެ ދުވަހަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.