ޅެންވެރިންގެ ޅެންތަކުން ނުތަނަވަސްކަން ފިލުވައި، ހިތްތަކަށް ފުން އަސަރު ކުރުވާ: ޔުމްނާ

ޅެންވެރިންގެ ޅެންތަކުން ނުތަނަވަސްކަން ފިލުވައި، ހިތްތަކަށް ފުން އަސަރު ކުރުވާ: ޔުމްނާ

Author
މުޙައްމަދު ޝަޒައިމް
15 ޖެނުއަރީ 2021 01:32
0

ޅެންވެރީންގެ ރީތި ޅެންތަކުން ވިސްނުން އިތުރުކުރުވައި، ނުތަނަވަސްކަން ފިލުވާލައި، ހިތްތަކަށް ފުން އަސަރު ކުރުވާ ކަމުގައި  މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ 32 ވަނަ ޅެންވެރިންގެ ދުވަހުގެ ތަހުނިޔާ ހުރިހާ ޅެންވެރިންނަށް އަރިސްކޮށް މިނިސްޓަރ ޔުމްނާ ފޮނުވި މެސެޖުގައި ވިދާޅުވީ ޅެންވެރިންގެ ރީތީ، ފަށުވި ޅެންތަކަކީ އެކަނިވެރިކަމާއި، ހިތާމައާއި، އުފާވެރިކަމުގެ ވަގުތުގައިވެސް އުންމީދާއި ހިތްވަރު ގެނެސްދީ ހިތްތަކަށް ފުން އަސަރު ގެނުވާ ބަސްތަކުން އަމުނާލެވިފައިވާ ބަސްތަކެއް ކަމުގައެވެ.

ޅެންވެރީންގެ ދުވަހުގެ ތަހުނިޔާ އެންމެހައި ޅެންވެރީންނަށް ދަންނަވަން. ތިޔަ ޅެންވެރީންގެ ރީތި ޅެންތަކުން ވިސްނުން އިތުރުކުރުވައި، ނުތަނަވަސްކަން ފިލުވާލައި، ހިތްތަކަށް ފުން އަސަރު ކުރުވާ.

– ޔުމްނާ މައުމޫން ވިދާޅުވިއެވެ.

ދުވަހުގެ ތަހުނިޔާ ރައީސް މައުމޫންވެސް ވަނީ ޅެންވެެރިންނަށް އަރިސްކުރައްވާފައެވެ. ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޅެންވެރި ކަމަކީ، އަދަބީ އުފެއްދުން ތަކާއި އަދަބީ ޚިޔާލުތައް މިޔުޒިކަށް ބަދަލު ކޮށްދޭ ރީތި ފަންނުކަމަށެވެ.

ސަރުކާރުން ވަނީ 1988ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ޅެންވެރިންގެ ދުވަހުގެ ގޮތުގައި ކަޑައަޅާފައެވެ. އެއާއެކު ކޮންމެ އަހަރެއްގައިވެސް މިދުވަސް ފާހަގަކުރަމުން އަންނަނީ ޅެންވެރިންގެ އަގުވަޒަންކޮށް ޅެންވެެރިކަން ދިރުވައި އާލާކޮށް ޅެންވެރިންނަށް ހިތްވަރުދޭ ދުވަހުގެ ގޮތުގައެވެ.

މިއަހަރުގެ ޅެންވެރީންގެ ދުވަހަށް ކަނޑައެޅިފައިވާ ޝިޢާރަކީ " ތެދުވާށެ އަލުން އާ ދިރުމެއް ދޭނެ ގޮތެއްގައި" މިއެވެ. މިއީ އައްނަބީލާ ފާޠިމަތު ސަޢީދު "އޭ ދިވެހި ޤައުމާއެވެ!" މި ސުރުޚީއަށް ހެއްދެވި ޅެމުގެ ފުރަތަމަ ބައިތުގެ ފުރަތަމަ މިސްރާއެވެ.

މިއަހަރު މިޝިއާރުގެ ގޮތުގައި ކަނޑައެޅީ މިއަހަރު ޅެންވެރިންގެ ދުވަސް ބައްދަލުކުރިއިރު މުޅި ދުނިޔެއާއި ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ނުރައްކަލުގެ ނުތަނަވަސްކަމުން އަރައިގަތުމަށް ހިތްވަރު ދިނުމުގެ ގޮތުންކަމަށް ދިވެހިބަހުގެ އެކަޑަމީން ވިދާޅުވެއެވެ. އަދި މި އަޑިގުޑަންގަނޑުން އަރައިގަތުމަށް ހުރިހާ ދިވެހިންނަށްވެސް އައު އަޒުމަކާއި އައު ހިތްވަރަކާއެކު ކުރިއަށް ދިޔުމުގެ އުއްމީދު އާކޮށްދިނުމަށްކަމަކީވެސް މިކަމުގެ މަޤުސަދެކެވެ.

ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމުގެ މަގުސަދަކީ ދިވެހި ޅެންވެރިންގެ ޚިދުމަތުގެ އަގުވަޒަންކޮށް ޅެންވެރިކަމަށް ދިވެހިން ހޭލުންތެރި ކުރުންކަމުގައި ދިވެހި ބަހުގެ އެކަޑަމީން މައުލޫމާތުދެއެވެ. ޅެންވެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ ފަނަރަވަނަދުވަހުއެވެ.

ޅެންވެރިންގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 1989 ވަނަ އަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.