ރާއްޖޭގައި ފެތުރެމުންދާ ހިމަބިހީގެ އައުޓްބްރޭކާ ގުޅިގެން، ބަލިން ރައްކާތެރިވުމަށް ދޭ އެމްއާރު ވެކްސިން މާލެ ސަރަހައްދުގައި ދޭން ފަށައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން މައުލޫމާތު ދޭގޮތުގައި، މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދަށުން ފުރަތަމަ ވެކްސިން ދެނީ ސިއްހީ ހިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ ކުދިންނަށެވެ. މި ފަރާތްތަކަށް މާދަމާގެ ނިޔަލަށް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މާލެ ސަރަހައްދުގައި ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދަނީ އާބަން ޕްރައިމަރީ ހެލްތު ކެއާ (ޔޫޕީއެޗްސީ)، ހުޅުމާލެ ހޮސްޕިޓަލް، ސެނެހިޔާ އަދި ވިލިމާލެ ހޮސްޕިޓަލުގައެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ވެކްސިން ދޭނެ ގަޑިތައް އެ ރަށެއްގެ ސިއްހީ މަރުކަޒަކުން ވަކިން އިއުލާންކުރާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ނަމަވެސް، މިއަހަރުގެ މޭ މަހު ފެށުނު އައުޓްބްރޭކްގައި މިހާތަނަށް 22 ކޭސް ވަނީ ފެނިފައެވެ. އެހެންކަމުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގާފައިވާނަމަ ލަސްނުކޮށް މާސްކް އަޅައިގެން ހޮސްޕިޓަލަށް ދިއުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ޓެސްޓު ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވުމަށާއި، ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް އެ އެޖެންސީން ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ