ހިންމަފުށީގައި ބައިނަލްއަޤްވާމީ ފެންވަރުގެ ބޮޑު ރިހެބެއް އެޅުމުގެ މަސައްކަތް އަންނަ މަހު ފަށަނީ

ހިންމަފުށީގައި ބައިނަލްއަޤްވާމީ ފެންވަރުގެ ބޮޑު ރިހެބެއް އެޅުމުގެ މަސައްކަތް އަންނަ މަހު ފަށަނީ

Author
އަހުމަދު
28 ޖޫން 2026 05:22
0

ކ. ހިންމަފުށީގައި އެއްފަހަރާ 500 މީހުންނަށް ފަރުވާދެވޭނެ ބައިނަލްއަޤްވާމީ ފެންވަރުގެ ރިހެބިލިޓޭޝަން ސެންޓަރެއް އެޅުމުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހު ފަށަން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ ޑްރަގް ކޯޓުގެ ފަރުވާ ފުރިހަމަކުރި ފަރާތްތަކަށް ހަނދާނީ ލިޔުން ދިނުމަށް ބޭއްވި ރަސްމިއްޔާތެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ހިންމަފުށީގައި ހުރި މަރުކަޒުން އެންމެ އެކަށީގެންވާ ގޮތެއްގައި ފަރުވާ ނުދެވޭތީ، އަލަށް ފަށާ މި ބިޔަ މަޝްރޫޢު 18 މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލުމަކީ ސަރުކާރުގެ އަމާޒެކެވެ.

މީގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ އޮނިގަނޑާއި ހުޅުމާލޭ ހާފްވޭ ހައުސް ވެސް ޒަމާނީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތައް އިތުރުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ނ. ވެލިދޫގައި ހަދާ ސެންޓަރު މިއަހަރުގެ ނިޔަލަށް ނިންމުމަށް ވަނީ އަމާޒުހިފާފައެވެ. ހަމައެއާއެކު ކ. ކާށިދޫ އާއި ލ. ގަމުގައި ތަރައްޤީކުރާ ސެންޓަރުތަކުގެ މަސައްކަތް 2027 ވަނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށްވެސް ލަފާކުރެވެއެވެ.

ރާއްޖޭގެ ފަރުވާގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، ސައިކޯ ސޯޝަލް ސަޕޯޓާއި ރިކަވަރީ ސަޕޯޓުގެ ދާއިރާއިން މީހުން ބިނާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ފަރުވާ ފުރިހަމަކޮށް މުޖުތަމަޢުއަށް ނުކުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި، އެންޑީއޭއިން މިހާރު ދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތަކާއެކު ޚާއްޞަ އެއްބަސްވުންތަކެއް ވެސް އެކުލަވާލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.