މީޑިއާ ކައުންސިލްގެ ކަންބޮޑުވުންތައް ރައީސަށް ހިއްސާކުރައްވައިފި

މީޑިއާ ކައުންސިލްގެ ކަންބޮޑުވުންތައް ރައީސަށް ހިއްސާކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
15 ޖެނުއަރީ 2021 11:31
0

މީޑިއާ ކައުންސިލް ހިންގުމަށް ހުރި ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އާއި ހިއްސާ ކުރައްވައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބޭއްވި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އުވާލައި ނުވަތަ އެއްކޮށްލުމަށްފަހު އާ މުވައްސަސާއެއް އުފެއްދުމަށްޓަކައި ސަރުކާރުން ހުށަހަޅާ ބިމާ ގުޅޭގޮތުންނާއި، މޯލްޑިވްސް މީޑިއާ ކައުންސިލަށް ކުރިމަތިވެފައިވާ ބަޖެޓުގެ ދަތިކަމާއި، ނޫސް މަޖައްލާ ރަޖިސްޓްރީކުރުމާއި މީޑިއާ ދަފްތަރު އެކުލަވާލައި ބެލެހެއްޓުމުގެ ހުރިހާ މަސައްކަތެއް މޯލްޑިވްސް މީޑިއާ ކައުންސިލަށް ބަދަލުކުރުމާއި، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު ތަންފީޒުކުރުމުގައި ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކާއި ގުޅޭގޮތުންނެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގެ ތެރެއިން އަލަށް އުފައްދާ މުވައްސަސާ އެކުލަވާލުމުގައި، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޚިޔާލާއި ދައުރު ހިމެނުމަށާއި، ނޫސްވެރިންނަށް ބޭރުގެ ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމާއި އަދި މޯލްޑިވްސް މީޑިއާ ކައުންސިލަށް ދިމާވެފައިވާ ބަޖެޓްގެ ދަތިކަމާއި މުވައްޒަފުން ހޯދުމަށް ހުރި ދަތިތަކަށް ހައްލުހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާވަނީ ދެއްވާފައެވެ. މީގެއިތުރުން، ރާއްޖޭގެ މީޑިއާތައް މިހާރަށްވުރެ ޒިންމާދާރުކޮށް ހަމަމަގަށް އެޅުވުމުގެ މަސްޢޫލިއްޔަތު މަތިކޮށްފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލަށް ކަމަށްވާތީ އެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.

ބައްދަލުވުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުންގެ ތެރެއިން ބައިވެރިވީ، ކައުންސިލުގެ ރައީސް ޞަހުބާން ފަހުމީ، ނައިބު ރައީސް ޙުސައިން ޘަޤީފް،  ޙަސަން ޝާކިރު މުޙައްމަދު، އާދަމް ނަވާޒް، އާދަމް ނަޒީރު، މުޢިއްޒު އިބްރާހީމް، ޢަލީ ޙުސައިން، ފާޠިމަތު އަޙްމަދު، ޝަފާޢަތު ޙަބީބު، މުޙައްމަދު ޝަފާޢު ޙަސަން، އަޙްމަދު މޫސާ، އަލްއުސްތާޛް މުޙައްމަދު ޔާމީން އިބްރާހީމްއެވެ. މެންބަރުންގެ އިތުރުން، ސެކްރެޓޭރިއެޓްގެ ފަރާތުން ބައިވެރިވީ ލީގަލް އެސިސްޓެންޓް އަލްއުސްތާޛާ ފާޠިމަތު ފަހުމީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.