ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި އަލުން ފެތުރެން ފެށުމާ ގުޅިގެން، ބަލިން ރައްކާތެރިވުމަށްޓަކައި މިއަދު ވެކްސިން ދޭން ފަށައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި މި ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދާނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި މިއަދުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށާއި 18 އަހަރުން ދަށުގެ ކުދިންނަށެވެ. މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭނީ މާފަންނު އާބަން ހެލްތު ކެއާ ކްލިނިކާއި، ހުޅުމާލެ ހޮސްޕިޓަލާއި، ސެނެހިޔާގެ އިތުރުން ވިލިމާލެ ހޮސްޕިޓަލުންނެވެ. އަތޮޅުތެރޭގައި ވެކްސިން ދޭނެ ގަޑިތަކާއި ތާރީހުތައް އިއުލާންކުރާނީ އެ ރަށެއްގެ ސިއްހީ މަރުކަޒުތަކުންނެވެ.
އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް މާލެ ސަރަހައްދުން 22 މީހަކަށް ވަނީ ހިމަބިހި ޖެހިގެން ރިޕޯޓުކޮށްފައެވެ. މި ބަލި އެންމެ ފަސޭހައިން ޖެހުމުގެ ފުރުސަތު ބޮޑީ އެމްއާރު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ މީހުންނަށާއި ބައްޔާ ދެކޮޅަށް ދިފާއީ ބާރު ނެތް މީހުންނަށެވެ. މިއީ ބަލިޖެހިފައިވާ މީހަކު ކެއްސައި ކިނބިހި އެޅުމުގެ ތެރެއިން ވައިގެ ޒަރީއާއިންނާއި، ވައިރަސްގެ އަސަރު ހުރި ތަންތަނުގައި އަތްލުމަށްފަހު ލޮލާއި ނޭފަތް ފަދަ ތަންތަނުގައި އަތްލުމުން ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ.
ހިމަބިހީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ރޯގާ ޖެހުމާއި، ކެއްސުމާއި، ލޯ ރަތްވުމުގެ އިތުރުން ހަމުގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ފަރުވާ ހޯދަން ދާއިރު މާސްކް އެޅުމަށާއި އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބައްޔަށް ޝައްކުކުރެވޭނަމަ ނަތީޖާ ލިބެންދެން އެކަހެރިވެ ތިބުމަށާއި ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެ އިދާރާއިން ވަނީ އަންގާފައެވެ.
ކޮމެންޓު ފޮނުވާ