ލީގުގެ ކޮންމެ މެޗެއްވެސް މާޒިޔާއަށް ވަރަށް މުހިންމު ކަމަށާއި ކޮންމެ މެޗަކަށް ވެސް ނުކުންނާނީ އެންމެ މޮޅު ކުޅުން ދައްކައިގެން މޮޅުވާން ކަމަށް މާޒިޔާގެ ކޯޗު ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް ބުނެފި އެވެ.
އޭނާ ބޭނުންވާ ފެންވަރުގެ ކުޅުމެއް މާޒިޔާގެ ފަރާތުން ދައްކަން ކުރާ މަސައްކަތުގައި ކުއްލިއަކަށް ބޮޑު ބަދަލެއް ގެނައުން އެއީ ގޯހަކަށް ވެދާނެ ކަމަށް ވިޑަކޮވިޗް ބުންޏެވެ. ސަސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާގެ ފަރާތުން ފެނިގެންދިޔައީ އޭނާ ބޭނުންވާ ލެވަލާ ގާތް ކުޅުމެއް ކަމަށާއި ބަދަލުތައް ގެންނަން ބޭނުންވަނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ގޮތަށް ކަމަށް ވިޑަކޮވިޗް ބުންޏެވެ.
"ކޮންމެ ޓީމެއް ވެސް އެހެންވީމަ ވަރަށް ނުރައްކާވާނެ. އަހަންނަށް ކޮންމެ މެޗެއް ވެސް މުހިއްމު ވަރަށް. އިދިކޮޅަށް ޓީމު އަބަދުވެސް މާޒިޔާއާ ދެކޮޅަށް ކުޅެން ވަރަށް މޮޓިވޭޓްވެފައި އޮންނާނީ. އެންމެ މޮޅު ކުޅުން ދައްކަން ނުކުންނާނީ،" ވިޑަކޮވިޗް ބުންޏެވެ.
ވިޑަކޮވިޗް ބުނީ ކޮންމެ ޓީމަކަށް ވެސް އިހުތިރާމްކުރާ ކަމަށާއި ލީގުގެ ތާވަލު އޮތްގޮތަށް ބަލާއިރު ސީޒަންގެ ކުރީކޮޅު ވުމުން ޓީމުތަކުން ކުރިއަށް އަރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި މާޒިޔާ އަތުން ނަތީޖާ ނެރެން ކޮންމެ ޓީމަކުން ވެސް މަސައްކަތްކުރާނެކަން އެނގޭ ކަމަށް ބުންޏެވެ. ވިޑަކޮވިޗް ބުނީ ދަނޑުގެ ވިނަގަނޑު އޮތްގޮތުން ފަސޭހަވާނީ ޑިފެންސްކޮށްގެން ކުޅޭ ޓީމަކަށް ކަމަށާއި ތިރިން ޕާސް ޖަހައިގެން އެޓޭކިން ކުޅުމަކަށް މަސައްކަތްކުރާ ޓީމުތަކަށް ދަނޑުގެ ހާލަތުގެ ގޮތުން އެންމެ ރަނގަޅަށް ކަންތައްތައް ނުކުރެވޭނެ ކަމަށެެވެ. އެހެން ނަމަވެސް އެ ހުރިހާ ކަމަކަށް ތައްޔާރުވެގެން ނުކުމެ ބޭނުންވާ ނަތީޖާ ނެރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ވިޑަކޮވިޗް ބުންޏެވެ.
"ޓީމެއްގެ ކުޅުންތެރިންގެ އެ ހުންނަ ސްޓައިލަކީ ކުއްލިއަކަށް ބަދަލުކުރެވޭނެ ކަމެއް ވެސް ނޫން. ކުޅުންތެރިންނަށް ކުއްލިއަކަށް އަހަރެން ދޭ ހުރިހާ މައުލޫމާތަކަށް ބަލައިގެން ފުރިހަމަ އަށް ތައްޔާރުވާންޖެހޭނެ ކަމަށް ދެކިގެންނުވާނެ. މީގައި ބަލަން ޖެހޭނީ އެ މީހުންނަށް ވެސް މިއަށް އަށް ހޭނެން ފުރުސަތު ލިބޭނެ ދުވެއްޔެއްގައި ކުރިއަށް ދާން. އަހަންނަށް ފެންނަނީ ރަނގަޅު މަންޒަރުތަކެއް މިހާތަނަށް،" ވިޑަކޮވިޗް ބުންޏެވެ.
ސީޒަނުގެ މިހާތަނަށް މާޒިޔާ އިން ކުޅުނު ހުރިހާ މެޗެއްގައި ވެސް އެ ޓީމުގެ ކުޅުމުން އެންމެ ފާހަގަވާ އެއް ކަމަކީ ފުރަތަމަ ހާފުގައި ދައްކާ ކުޅުމާ އެއްވަރަށް ދެ ވަނަ ހާފްގައި އެކަށޭނެ މިންވަރަށް ނުކުޅެވުމެވެ. ވިޑަކޮވިޗް ބުނީ އެއީ އޭނާ ވެސް ސަމާލުވާ ކަމެއް ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި އެކަން ރަނގަޅުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"ފުރަތަމަ ހާފު ރަނގަޅު ހިސާބެއްގައި ނިންމާލާފައި ދެ ވަނަ ހާފް ފަށައިގެން ތަންކޮޅެއް ރިލެކްސް އެބަ ވެލެވޭ. ހާއްސަކޮށް އަހަރެމެން ލީޑުގައި އޮވެ ފަސޭހަކޮށްލެވޭތަން އެބައާދޭ. އަހަރެމެން ވާހަކަ ދައްކައިގެން ރަނގަޅުކުރަން މަސައްކަތް އެބަކުރަން،" ވިޑަކޮވިޗް ބުންޏެވެ.
މާޒިޔާ މި ވަގުތު އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ވެލެންސިއާއާ އެއްވަރަށް ފަަސް މެޗުން 11 ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުންނެވެ. މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބް އަތުން މޮޅުވެގެން އެއް ވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނެގުމުގެ ފުރުސަތު މާޒިޔާ އަށް އެބައޮތެވެ.
ކޮމެންޓު ފޮނުވާ