ފުވައްމުލަކު ސިޓީގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ފުވައްމުލަކު ސިޓީގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

Author
އަހުމަދު
26 ޖޫން 2026 10:28
0

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ފުވައްމުލައް ސިޓީގައި މިއަދު ހުޅުވައި، އެ ސިޓީގައި ޤުރުއާނުގެ ޢިލްމު ފެތުރުމުގެ އައު ބާބެއް ފަށައިފިއެވެ.

މި ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް ޢަބްދުﷲ ސަޢުދާނާއި ފުވައްމުލައް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޟިރާރުއެވެ. ފަސް ކުލާސްރޫމާއި، ނަމާދުކުރާނެ ތަނަކާއި، ޙިފްޒު ޓެސްޓު ރޫމެއްގެ އިތުރުން އޮޑިޓޯރިއަމްއަކާއި ލައިބްރަރީއެއް ހިމެނޭގޮތަށް ތަރައްޤީކޮށްފައިވާ މި މަރުކަޒާއެކު، އެ ސިޓީގައި ޤުރުއާން ހިތުދަސްކުރުމުގެ ޕްރޮގުރާމުތައް އިތުރުކޮށް، މުދައްރިސުންގެ ޢަދަދު ގިނަކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި، ފުވައްމުލަކުގައި ބިނާކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ނިމުމުން، ޤުރުއާނާ ބެހޭ މަރުކަޒު އެތަނަށް ބަދަލުކުރެވޭނެއެވެ. އަދި މިހާރު ހުޅުވި އައުޓްރީޗް ސެންޓަރުގެ އިމާރާތް ވަޤުފު ބިނާއަކަށް ބަދަލުކޮށް، އެތަނުން ލިބޭ އާމްދަނީ ޚަރަދުކުރާނީ ސިޓީގެ ދީނީ ކަންކަމަށެވެ. މީގެ އިތުރުން ފުވައްމުލަކު އިސްލާމީ މަރުކަޒުގެ ޑިޒައިން ނިންމައި، ކައުންސިލްގެ ލަފަޔަކަށް މިހާރު ވަނީ ފޮނުވާފައެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން މިހާރުވެސް 16 ރަށެއްގައި ގޮފިތައް ބިނާކުރުމުގެ މަސައްކަތް ވުޒާރާއިން ދަނީ ކުރަމުންނެވެ. މި ސަރުކާރުން ޤުރުއާނުގެ ޢިލްމަށް ދޭ އަހައްމިއްޔަތުކަން އިތުރުކޮށްފައިވާއިރު، ޤައުމީ ޤުރުއާން މުބާރާތަކީ ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ބާއްވާ، ރާއްޖޭގެ އެންމެ އަގުބޮޑު އިނާމުތައްދޭ އެންމެ ޝަރަފުވެރި މުބާރާތުގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.