ރާއްޖޭގެ އެންމެ ދުވަސްވީ ސިޔާސީ ޕާޓީ، އެމްޑީޕީ އަށް 21 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ޕާޓީގެ މައި ހަރުގޭގައި މިއަދު ދިދަ ނެގުމާއި ކޭކު ފެޅުމުގެ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ މައި ހަރުގޭގައި ކުރިއަށްދިޔަ މި ހަރަކާތުގައި ޕާޓީގެ އިސް ވެރިންނާއި ގިނަ އަދަދެއްގެ އާންމު މެމްބަރުން ވަނީ ބައިވެރިވެފައެވެ. ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ފާހަގަކުރެއްވި ގޮތުގައި، އަހަރީ ދުވަހުގެ އުފާފާޅުކުރުންތައް ހަމައެކަނި މިއަދަކަށް ނުނިމޭނެއެވެ. އޭގެ ބަދަލުގައި މުޅި އަހަރަށް ބަހާލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ހަރަކާތްތައް ހިންގުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި މިރޭ ޕާޓީގެ ޒުވާނުންގެ ގޮފިން އިންތިޒާމުކޮށްގެން ހަރުގޭގައި ބާއްވާ ބޮނޑިބަތް ކެއުމުގެ ހަރަކާތް ހިމެނެއެވެ. އޭނާ ވަނީ ވޭތުވެދިޔަ 21 އަހަރު ޕާޓީ ދެމިއޮތުމުގެ އަސްލަކީ އާންމު މެމްބަރުންގެ ބުރަ މަސައްކަތްކަން ފާހަގަކުރައްވައި އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
މި އަހަރީ ދުވަހާ އެމްޑީޕީން ކުރިމަތިލީއިރު، ޕާޓީގެ އާ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިންތިހާބުކޮށްފައެވެ. އެމަނިކުފާނު މަގާމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، ޕާޓީގެ އެތެރޭގައި "ބޮޑު ބަދަލު" ގެ ނަމުގައި ހާއްސަ އޮފީހެއް މިހާރު ވަނީ ގާއިމުކޮށްފައެވެ. ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް އިސްކޮށް ހުންނަވައިގެން ހިންގާ މި އޮފީހުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ސެމިނާތަކާއި ވޯކްޝޮޕްތައް ހިންގުމެވެ. މި ބަދަލުތަކަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ފައްޔާޒު ނެރުމަށް ދެބޭފުޅުން އެއްބަސްވެވަޑައިގެންފައިވާ މެނިފެސްޓޯގެ މުހިންމު ބައެކެވެ.
ކޮމެންޓު ފޮނުވާ