ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުން އިދިކޮޅު އެމްޑީޕީއަށް ޖާގަ ދީފައިވަނީ ގަވާއިދުން ލިބޭ މިންވަރަށް ވުރެ ވެސް އޯގާތެރިކޮށް ކަމަށް، މެޖޯރިޓީ ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ސޯދިގަށް މުހިންމު ކޮމިޓީއަކުން ޖާގަ ނުލިބުނު ކަމަށް ބުނެ، އެ ޕާޓީގެ މެމްބަރުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރުމާ ގުޅިގެންނެވެ. އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ އެ ޕާޓީއަށް ލިބެނީ މަސައްކަތް މަދު ސުލޫކު އަދި ޕެޓިޝަން ކޮމިޓީ ފަދަ ތަންތަނުން ކަމަށާއި، ބޭނުންވަނީ ގިނައިން މަސައްކަތް ކުރެވޭނެ ކޮމިޓީތަކުގެ ޖާގަ ކަމަށެވެ.
މިކަމަށް ރައްދު ދެއްވައި ފަލާހު ވިދާޅުވީ، ގާނޫނާއި ގަވާއިދުގެ ތެރެއިން އުޅެން އެމްޑީޕީން ދަސްކުރަން ޖެހޭ ކަމަށާއި، ކޮށްދޭ ހެޔޮ ކަންކަން އެ ޕާޓީއަށް ނުފެންނަ ކަމަށެވެ. މީގެ އިތުރުން، ޕީއެންސީގެ މެމްބަރު އަހުމަދު އަޒާން ވަނީ ތަފާސްހިސާބުތަކާއެކު އެމްޑީޕީގެ ވާހަކަތައް ދޮގުކުރައްވާފައެވެ.
އަޒާން ވިދާޅުވި ގޮތުގައި މަޖިލީހުގެ 13 އިންސައްތަ މެމްބަރުންނަކީ އެމްޑީޕީ ކަމަށް ވާއިރު، އެ ޕާޓީއަށް ކޮމިޓީތަކުގެ 13.7 އިންސައްތަ ޖާގަ ވަނީ ދީފައެވެ. އަދި އެންމެ މުހިންމު މާލިއްޔަތު ކޮމިޓީގެ 18 އިންސައްތަ އާއި އިގްތިސާދީ ކޮމިޓީގެ 27 އިންސައްތަ އެމްޑީޕީއަށް ދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ 19 ވަނަ މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތްއިރު އޭރުގެ އިދިކޮޅަށް ދިން ނިސްބަތަށް ވުރެ މާ ބޮޑު އަދަދެއް ކަމަށާއި، އެމްޑީޕީން މިހާރު އިހުތިޖާޖު ކުރަނީ ހަމައެކަނި މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ބޭނުމުގައި ކަމަށް ވެސް އަޒާން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ