ވެއިސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަހުމަދު ނާސިފް (ޑީޑީ)، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑިރެކްޓަރުންގެ ބޯޑަށް މިއަދު އައްޔަންކުރައްވައިފި އެވެ.
އެމްއޭސީއެލްގެ ބޯޑަށް އައްޔަންކުރެއްވުމުގެ ކުރިން ނާސިފް ހުންނެވީ ވެމްކޯގެ ޗެއާމަން ކަމުގަ އެވެ. އޭނާ އެ މަގާމަށް ބަދަލުކުރެއްވީ 2025 ވަނަ އަހަރުގެ މާޗު މަހު، އެޗްޑީސީގެ ޗެއާމަންކަމުން ވަކިކުރެއްވުމަށް ފަހުގަ އެވެ. ސަރުކާރުގެ އެކި ކުންފުނިތަކުގައި އިސް ދައުރުތަކެއް އަދާކުރައްވާފައިވާ ނާސިފް ވަނީ އެޗްޑީސީގެ އެމްޑީކަމާއި، ރީޖަނަލް އެއާޕޯޓްސްގެ ޗެއާމަންކަމުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތިލަފުށި ކޯޕަރޭޝަނާއި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވައިފަ އެވެ. އަދި އެޗްޑީސީގެ އެމްޑީކަމުން ފަޒުލް ރަޝީދު ވަކިވެވަޑައިގަތުމުން އެ ކުންފުނި ވަގުތީގޮތުން ހިންގުމާ ވެސް އޭނާ ހަވާލުވެވަޑައިގަތެވެ.
ނާސިފްގެ އެޕޮއިންޓްމަންޓުގެ އިތުރުން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ވަނީ ސަރުކާރު ހިއްސާވާ އިތުރު ހަތަރު ކުންފުންޏެއްގެ ބޯޑަށް ވެސް ބަދަލުތަކެއް ގެންނަވައިފަ އެވެ. އެގޮތުން އެމްޓީސީސީގެ ޗެއާޕާސަން އަދި ބޯޑު މެންބަރުކަމަށް ސައާދާ އިބްރާހިމް އައްޔަންކުރައްވައި، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ބޯޑަށް ޝެރީނާ ސާލިހް ވަނީ އައްޔަންކުރައްވައިފަ އެވެ. މީގެ އިތުރުން އެމްޕީއެލްގެ ބޯޑުން އާމިނަތު ރައިޝަމް ވަކިކުރައްވައި، ވިޒިޓް މޯލްޑިވްސްގެ ބޯޑުން އާއިޝަތު އަލީ ވެސް މިއަދު ވަނީ ވަކިކުރައްވައިފަ އެވެ.
ކޮމެންޓު ފޮނުވާ