ކޯވިޑް އަތޮޅުތެރެއަށް ފެތުރުނީ، ސަރުކާރުގެ ވެރިން އަތޮޅުތެރެއަށް ކުރި ދަތުރުތަކުގެ ސަބަބުން ކަމުގައި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.
އަތޮޅުތެރޭގައި ކޯވިޑްގެ ނުރައްކާބޮޑުވެ ބަލި ފެތުރެމުންދާއިރު ބައެއް ރަށްރައް ވަނީ ރަށަށް އަރައި ނުފޭބޭނެހެން މޮނޮޓަރިންއަށް ލާފައެވެ. ބައެއް ރަށްރަށުގައި ޒަރޫރީ ތަކެއްޗާއި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނުވެސް ހުސްވެ އެކަމުގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ. އަތޮޅު ތެރެއަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ދިޔައީ ކޯވިޑް ރާއްޖެއިން ފެނުނީއްސުރެ ޙާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެގޮތުން ރަށްރަށަށްދާ މީހުން ވަކި މުއްދަތަކަށް ކަރަންޓީން ވުމާއި، ކަރަންޓީނަށްފަހު ޓެސްޓު ކުރުމަކީ މަޖުބޫރު ކަމެއްކަމުގައި ވަނީ ކަޑައަޅާފައެވެ. ނަމަވެސް މިއުސޫލަށް ފަހުން ބަދަލު ގެނެސް އަތޮޅުތެރޭގެ ރަށްތަކަށް ސަރުކާރުގެ ބޭނުންތަކުގައި ކުރާ ދަތުރުތަކަށް ވަނީ ޚާއްސަ އުސޫލެއް ކަނޑައަޅައި އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރެވޭނެ ގޮތް ހަދާފައެވެ.
އަތޮޅުތެރޭގައި ބަލި ހަލުވި ކަމާއިއެކު ފެތުރެމުންދާތީ ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ އަތޮޅު ތެރޭގައި ކޯވިޑް ފެތުރި ރައްޔިތުން ބޮޑު ނުރައްކަލަކަށް ވެއްޓިފައިވަނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުންކަމަށެވެ. ރައްޔިތުން ސަރުކާރުން ބުނިހާގޮތެއް ހަދައި، ސަރުކާރުން ދެއްކި ވާހަތަކަށް އިޖާބަދިން ނަމަވެސް ސަރުކާރުގެ ވެރިން، ކޯވިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް މުގުރާލައި އަމިއްލަ ގަވާއިދުތަކެއް ހަދައިގެން އަތޮޅު ތެރެއަށް ކުރި ދަތުރުތަކަކީ މިއަދު އަތޮޅު ތަކުގައި ކޯވިޑް ފެތުރެމުންދާ އެންމެބޮޑު ސަބަބުކަމަށް ޝުޖާ ވިދާޅުވިއެވެ.
އަތޮޅު ތެރެއަށް ކޯވިޑް ފެތުރިގެން ދިޔައީ ސަރުކާރުގެ އިހުމާލުން. ރައްޔިތުންގެ ފަރާތުން ސަރުކާރަށް ވަނީ ފުރިހަމަ އެއްބާރުލުން ދީ ކިޔަމަންތެރިވެފަ. ކޯވިޑް އަތޮޅުތެރެއަށް ފެތުރުނީ، ސަރުކާރުގެ ވެރިން އަތޮޅުތެރެއަށް ކުރި ދަތުރުތަކުގެ ސަބަބުން.
– ޝުޖާ ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބާއި ދިމާކޮށް، ސަރުކާރުގެ އެކި ކުންފުނިތަކާއި، މިނިސްޓްރީ ތަކުގެ ބޭފުޅުން އަތޮޅު ތެރެއަށް ކުރައްވާ ދަތުރުތައް ގިނަވެ، އިތުރުވެފައިވާތީ އިދިކޮޅުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސިޔާސީ ގޮތުން ވަކި މަންފާއެއް ހާސިލް ކޮށްދިނުމަށް ސަރުކާރަށް ޖާގަ ދޭ އުސޫލޫން އިދިކޮޅު ފަރާތްތަކަށްވެސް އަތޮޅުތެރެއަށް ދަތުރު ކުރެވޭނެ މަގު ފަހިކޮށްދޭންޖެހޭނެ ކަމަށް އިދިކޮޅު ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ