އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާއަށް ސިޔާސީ ގޮތުން ކުރިމަތިވި ބޮޑެތި ފިއްތުންތަކާ ގުޅިގެން، މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައި އެކަން މިއަދު އިއުލާނުކުރައްވައިފި އެވެ.
ޖުލައި 2024 އިން ފެށިގެން ބޮޑުވަޒީރުކަމުގައި ހުންނެވި ސްޓާމާ ވިދާޅުވީ، ލޭބާ ޕާޓީގެ މަޖިލިސް މެންބަރުންގެ ތާއީދު ގެއްލިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އާ ލީޑަރަކު އިންތިހާބު ކުރުމަށްޓަކައި އިސްތިއުފާ ދެއްވަން ނިންމެވިކަން ރަސްގެފާނު ޗާލްސް އަށް އަންގަވާފައިވާނެ ކަމަށެވެ. ނަމަވެސް އާ ބޮޑުވަޒީރަކު ހޮވުމުގެ މަރުހަލާ ނިމެންދެން އޭނާ މަގާމުގައި ދެމިހުންނަވާނެ އެވެ. އާ ލީޑަރަކު ހޮވުމުގެ ނޮމިނޭޝަންތައް ޖުލައި 9 ގައި ހުޅުވާލުމަށް އެދިވަޑައިގެންފައިވާއިރު، ސެޕްޓެމްބަރު މަހު މަޖިލިސް އަލުން ފެށުމުގެ ކުރިން އާ ލީޑަރަކު އައްޔަންކުރެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ސްޓާމާގެ މަގުބޫލުކަން ކުޑަވެ ބާރުތައް ހީނަރުވާން ފެށީ މޭ މަހު ބޭއްވި ލޯކަލް އަދި ރީޖަނަލް އިންތިހާބުތަކުގައި ލޭބާ ޕާޓީއަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެންނެވެ. މީގެ އިތުރުން ޖެފްރީ އެޕްސްޓީންއާ ގުޅުން އޮތް ޕީޓާ މެންޑެލްސަން އެމެރިކާގެ ސަފީރަކަށް އައްޔަންކުރަން އުޅުމުގެ މައްސަލައިގައި ވެސް އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، މަގާމުން ވަކިކުރުމާ ގާތަށް ކަންކަން ދިޔަ އެވެ.
ސްޓާމާގެ އިސްތިއުފާއާއެކު ދެން ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ، ދާދިފަހުން ބައި-އިލެކްޝަން ކާމިޔާބު ކުރައްވައި މަޖިލީހަށް އަލުން ވަޑައިގަންނަވާ ތަޖުރިބާކާރު ސިޔާސީ ބޭފުޅެއް ކަމަށްވާ އެންޑީ ބާންހަމް އެވެ. ގިނަ މެންބަރުންގެ ތާއީދު އޭނާއަށް އޮތްއިރު، ކުރީގެ ހެލްތު މިނިސްޓަރު ވެސް ސްޓްރީޓިން ފަދަ ބޭފުޅަކު ވާދަކުރައްވާނެތޯ ވެސް ދަނީ ބަލަމުންނެވެ. ބާންހަމް ވެރިކަމަށް ވަޑައިގެންފި ނަމަ ފައިނޭންސް މިނިސްޓަރު ބަދަލުކުރެއްވުން ފަދަ ކެބިނެޓުގެ ބަދަލުތަކެއް ގެންނަވާނެ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ސްޓާމާގެ އިސްތިއުފާއާއެކު، ފާއިތުވި 10 އަހަރު ތެރޭގައި އިނގިރޭސިވިލާތަށް ހަތް ވަނަ ބޮޑުވަޒީރަކު އައްޔަންކުރުމުގެ މަރުހަލާ މިވަނީ ފެށިފަ އެވެ.
ކޮމެންޓު ފޮނުވާ