އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) އިން ދާދިފަހުން ކުރި ދިރާސާއަކުން ދައްކާގޮތުގައި، ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 9 އަދި 10 ގައި ކިޔަވާ ގިނަ ދަރިވަރުން ރޭގަނޑު ފޯނާ ކުޅެން ހޭދަކުރުމުގެ ސަބަބުން ނިދަނީ މެންދަމުން އަލިވެ، ތިނެއް ނުވަތަ ހަތަރެއް ޖަހާ ފަހުންނެވެ.
އައިޔޫއެމްގެ ސެންޓަ ފޯ ރިސާޗު އެންޑް ޕަބްލިކޭޝަންސްގެ ޑީން އަދި އެސިސްޓެންޓް ޕްރޮފްސަރު ޑރ. އާމިނަތު ޝާފިޔާ ވިދާޅުވި ގޮތުގައި، މިއީ ދަރިވަރުން ސްކޫލަށް ހާޒިރުނުވާ ސަބަބުތައް ދެނެގަތުމަށް މާލެ ސަރަހައްދާއި ކ، އއ. އަދި ހދ. އަތޮޅުގެ ގިނަ ސްކޫލްތަކަށް އަމާޒުކޮށްގެން ކުރި ދިރާސާއެކެވެ. މި ދިރާސާއިން ފާހަގަވި އެންމެ ހިތާމަވެރި އެއް ކަމަކީ، ކުދިންގެ ނިދުމުގެ އާދަތައް ގޯސްވެފައިވާ މިންވަރެވެ.
ނިދި މަދުވުމުގެ ނަތީޖާއެއްގެ ގޮތުން ދަރިވަރުންނަށް ގިނަ މައްސަލަތަކަކާ ކުރިމަތިލާންޖެހޭކަން ޑރ. ޝާފިޔާ ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ކްލާހުގައި ނިދާޖެހުމާއި، ޓީޗަރުންނާ މެދު ހިތްހަމަނުޖެހުން އުފެދުމުގެ އިތުރުން މޫޑު ގޯސްވުން ހިމެނެއެވެ. އަދި ހެނދުނު ހޭލާއިރު ބޮލުގައި ރިހުމާއި ބަނޑަށް އުނދަގޫވުން ފަދަ ސިއްހީ ކަންކަން ދިމާވެ، ސްކޫލަށް ހާޒިރުވުމަށް މިކަމުގެ ސަބަބުން ބޮޑު ހުރަހަކަށް ވެފައިވާކަން އެ ދިރާސާއިން ވަނީ ހާމަވެފައެވެ.
ކޮމެންޓު ފޮނުވާ