އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ސޮއިކުރެއްވި "އިސްލާމްއާބާދު އެމްއޯޔޫ" ގެ ދަށުން، އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން އަޅާފައި އޮތް ބްލޮކޭޑް ރަސްމީކޮށް މިއަދު އުވާލައިފިއެވެ.
ގާތްގަނޑަކަށް ހަތަރު މަސް ދުވަހަށް ދެމިގެންދިޔަ އަސްކަރީ ކުރިމަތިލުންތަކަކަށްފަހު، މިމަހުގެ 17 ވަނަ ދުވަހު ރިމޯޓްކޮށް ސޮއިކުރެވުނު މި އެއްބަސްވުމާއެކު، އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ އީރާނަށް ދަތުރުކުރާ އުޅަނދުތަކަށް ދެން އެއްވެސް ހުރަހެއް ނޯންނާނެކަން ކަށަވަރުކޮށްދީފައެވެ. މި ނިންމުމާއެކު އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ނުހަނު މުހިންމު ހޯރްމޫޒް ކަނޑުއޮޅި ވިޔަފާރި އުޅަނދުތަކަށް އަލުން ހުޅުވާލާފައެވެ. ނަމަވެސް އެއްބަސްވުމުގެ މާއްދާތަކަށް ދެފަރާތުންވެސް އަމަލުކުރާތޯ ކަށަވަރުކުރުމަށްޓަކައި އެމެރިކާގެ މަނަވަރުތައް އެ ސަރަހައްދުގައި މަޑުކުރާނެކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.
މި ތާރީޚީ އެއްބަސްވުމުގެ ދަށުން އެމެރިކާގެ ޓްރެޜަރީން ވަނީ އީރާނުގެ ސާފުނުކުރާ ތެލާއި ޕެޓްރޯލިއަމް އުފެއްދުންތައް އެކްސްޕޯޓްކުރުމަށް ވަގުތުން ހުއްދަ ދީފައެވެ. އަދި އީރާނުގެ އިގުތިސާދު އަލުން ކޮޅަށްޖެހުމަށް 300 ބިލިއަން ޑޮލަރުގެ ޕެކޭޖެއް ދިނުމަށް ނިންމާފައިވާއިރު، އީރާނުން ވަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް މަސައްކަތް ނުކުރާނެކަމުގެ ޔަގީންކަން އަލުން ދީފައެވެ. މިއީ ދާއިމީ ސުލްހައިގެ މުއާހަދާއަކަށް ވާސިލްވުމަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށްވާއިރު، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ސްވިޒަލޭންޑްގައި މަތީ ފަންތީގެ ޑިޕްލޮމެޓިކް މަޝްވަރާތައް ބާއްވައި، ބައިނަލްއަގުވާމީ ބެލުމުގެ ދަށުން އީރާނުގެ ޔުރޭނިއަމް ރިޒާވް މެނޭޖްކުރާނެ ގޮތަކާމެދު ގޮތްތަކެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ