ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ތަކެތި ފެނިފައިވަނީ މާލޭ ކޮމާޝަލް ހާބަރަށް ގެނައި މުދަލުގެ ތެރޭގައި ގާނޫނާ ޚިލާފު ތަކެތި ހުރެދާނެކަމަށް ޝައްކުކުރެވިގެން އިއްޔެ ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި އޮޕަރޭޝަންގައި، "ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއާކޮށްފައިވާ ޝިޕްމަންޓެއް ބަލައި ފާސްކުރިއިރު، އޭގެ ތެރޭގައި ފޮރުވައިގެން ގެނެސްފައިވާ ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތައް ވަނީ ހޯދައި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިދިޔަ ހަފްތާގައިވެސް ކަނޑުމަގުން ގެނައި އެހެން ޝިޕްމަންޓަކުން 1،108 ވޭޕް ކާޓްރިޖާއި 27 ޑިވައިސް ކަސްޓަމްސްއިން ވަނީ އަތުލައިގަނެފައެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާޙާއެކު، 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ގެންގުޅުމާއި، ވިއްކުން އަދި އެތެރެކުރުން ވަނީ މަނާކޮށްފައެވެ. މި ގާނޫނުގެ ދަށުން، ވޭޕްކުރަން ބޭނުންކުރާ އާލާތެއް ނުވަތަ އެއާ ގުޅޭ އެއްޗެއް ރާއްޖެ އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އެތެރެކުރާ ކޮންމެ ވޭޕަކަށް ނުވަތަ އިލެކްޓްރޯނިކް ސިނގިރޭޓަކަށް އިތުރު 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރެވޭނެކަމަށްވެސް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ. މިހާރު ކަމާބެހޭ ފަރާތްތަކުން އަންނަނީ މި ގާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.
ކޮމެންޓު ފޮނުވާ