އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ބިލު، ގައިދީންނަށްވެސް ގުނަވަން ހަދިޔާކުރެވޭ ގޮތަށް އޮތުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައި އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
މިދިޔަ މަހު މަޖިލީހުން ފާސްކުރި މި ބިލު އަނބުރާ ފޮނުއްވާލައްވައި ރައީސް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވީ، ސަރުކާރުން ފުރަތަމަ ބިލު ހުށަހެޅިއިރު ގުނަވަން ހަދިޔާކުރާ މީހަކީ ކުށެއްގެ ތުހުމަތުގައި ބަންދުވެފައިވާ ނުވަތަ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ނުވުން ޝަރުތުކޮށްފައިވާނެ ކަމަށެވެ. ގުނަވަން ހަދިޔާކުރުމުގައި އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ ރުހުން އޮތުމަކީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ބަލައިގަންނަ އެންމެ މުހިންމު އެއް ޝަރުތަށް ވާއިރު، ބަންދުގައި ތިބޭ މީހުންނަކީ މިނިވަންކަން ގެއްލިފައިވާ ބަޔަކަށްވުމުން، އެއްވެސް ނުފޫޒެއް ނެތި އެމީހުންގެ ފުރިހަމަ ރުހުން އޮތްކަން ކަށަވަރުކުރުމަކީ ދަތިކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ މަދު ގައުމެއްގައި ގައިދީންނަށް މި ފުރުސަތު ދީފައި އޮތް ނަމަވެސް، އެކަން ކުރަނީ އާންމު ހާލަތަށްވުރެ މާ ހަރުކަށި އަދި ހާއްސަ އިޖުރާއަތްތަކެއް ފުރިހަމަކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، އެފަދަ ހަރުދަނާ އުސޫލުތަކެއް ނެތި މި ފުރުސަތު ދިނުމަކީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބިލުގައިވާ ގޮތުން ގުނަވަން ހަދިޔާކުރެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ، ބުއްދި ސަލާމަތުން ހުރި ދިވެހިންނަށެވެ. އަދި އެކަން ކުރަންވާނީ އަމިއްލަ އިހުތިޔާރުގައި ރުހިގެން ކަމަށްވާއިރު، ގުނަވަން ނެގޭނީ ޑޮކްޓަރުންގެ ލަފަޔާއެކު އެކަމަށް އެކުލަވާލާ ހާއްސަ ކައުންސިލެއްގެ ހުއްދަ ލިބިގެންނެވެ.
ކޮމެންޓު ފޮނުވާ