ގއ. ވިލިނގިލީގައި ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އަނެއް މީހާ ކޯޓުން ދޫކޮށްލައިފިއެވެ.
ފުލުހުންނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ އެއްވަނަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި، އެތެންސް، މުޙައްމަދު ޢަތޫފް ޙަބީބް (25އ) އާއި އެ ރަށު ދެތަޑިމާގެ، މުޙައްމަދު ރާއިފް ޙުސައިން (20އ) އެވެ. މީގެ ތެރެއިން ޢަތޫފްގެ ބަންދަށް ފުރަތަމަ ދިން 15 ދުވަހުގެ މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރުކުރުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ނަމަވެސް، މި މައްސަލާގައި ހިމެނޭ ރާއިފް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލާފައެވެ.
ކުޑަކުދިން ބައިވެރިކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށް ހިންގި މި އޮޕަރޭޝަނުގައި ވިލިނގިލީގެ ހަތަރު ގެއެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި މި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 67 ގުރާމްގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަތެވެ. އޭގެ ތެރޭގައި ހިމެނެނީ 54 ގުރާމްގެ ބްރައުން ޝުގާ އާއި 13 ގުރާމުގެ މެތަމްފެޓަމައިންއެވެ.
މަސްތުވާތަކެތީގެ ނުރައްކާތެރި ކުށްތަކުގައި ކުޑަކުދިން ބައިވެރިކުރުވުމަކީ ފުލުހުން އިންތިހާއަށް ކަންބޮޑުވާ މައްސަލައަކަށް ވާއިރު، މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި މިފަދަ ނެޓްވޯކްތައް ހޯދައި ފިޔަވަޅު އެޅުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ