އެމެރިކާ އާއި އީރާނާ ދެމެދު ވެވޭ އައު އެއްބަސްވުމުގެ ދަށުން، ބައިނަލްއަގުވާމީ ނިއުކްލިއާ އިންސްޕެކްޓަރުންނަށް އީރާނަށް ފުރިހަމަ އަށް ވަދެވޭނެކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވެއްޖެއެވެ.
އެންބީސީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވޭންސް ވިދާޅުވީ، މި އެއްބަސްވުމުގެ އެންމެ މުހިންމު އެއް ބަޔަކީ އީރާނުގައި ހުރި މަތީ ފެންވަރުގެ ނިއުކްލިއާ މާއްދާތައް ނައްތާލުން ކަމަށެވެ. މި މަސައްކަތުގައި ބައިނަލްއަގުވާމީ އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އާއި އެމެރިކާއިން އީރާނަށް ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މިކަމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި މިހާރުވެސް ލިޔުމެއްގައި ސޮއިކުރެވިފައިވާ ކަމަށް ވޭންސް ވިދާޅުވިއެވެ.
ދެ ގައުމުގެ ދެމެދުގައި ކުރިއަށްދިޔަ އުނދަގޫ މަޝްވަރާތަކަށްފަހު، މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުން އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ. ފްރާންސްގައި ކުރިއަށްދާ ޖީ7 ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ ދެ ގައުމަށް ސުލްހައަކާ ހަމައަށް އާދެވިފައިވާކަން ކަށަވަރުކޮށްދެއްވައި، ހުކުރު ދުވަހު ސޮއިކުރެވޭނެކަން އިއުލާންކުރައްވާފައެވެ.
މި އެއްބަސްވުމާ ހަމައަށް އާދެވިފައިވަނީ ދެ ގައުމަށްވެސް އެއްބަސްވާން އެންމެ އުނދަގޫވި ބައެއް ކަންކަން ފަހަތަށް ޖައްސާލުމަށްފަހުގައެވެ. އެހެންކަމުން މީޑިއާ ރިޕޯޓުތައް ބުނާގޮތުން، އެއްބަސްވުމުގައި ހުރިހާ މައްސަލަތަކަކަށް ފުރިހަމަ ހައްލެއް ހިމެނިފައެއް ނުވެއެވެ. ނަމަވެސް މިއީ ދެ ގައުމުގެ ދެމެދުގައި އަލުން ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު އޮތް ދަނޑިވަޅެއްގައި ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.
ކޮމެންޓު ފޮނުވާ