މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) ގެ ހުރިހާ ޚަރަދެއް ހިމެނޭ ގޮތަށް މެލޭޝިޔާއިން މަތީ ތަޢުލީމު ހާސިލުކުރުމުގެ ސްކޮލަޝިޕްތަކަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި ސްކޮލަޝިޕްގެ ދަށުން ބެޗްލަރސް ޑިގްރީ، މާސްޓަރސް އަދި ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ސެލަންގޯ އިސްލާމިކް ޔުނިވަސިޓީން ބެޗްލަރ އޮފް އެކައުންޓިންގ، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓަރ އޮފް ލޯސް އަދި މާސްޓަރ އޮފް އިކޮނޮމިކްސް ހެދުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އިންސީފް ޔުނިވަސިޓީން އިސްލާމިކް ފައިނޭންސް ނުވަތަ އެޕްލައިޑް މުއާމަލާތުގެ ދާއިރާއިން ޕީއެޗްޑީ ހެދުމަށް ވެސް ވަނީ ހުޅުވާލާފައެވެ.
މިއީ ދަރިވަރުންގެ ހުރިހާ ޚަރަދެއް އެމްއެމްއޭއިން ބަލަހައްޓާ ގޮތަށް ދޫކުރާ ސްކޮލަޝިޕެކެވެ. އޭގެ ތެރޭގައި ޓިއުޝަން ފީއާއި، ދިރިއުޅުމުގެ ޚަރަދާއި، ފޮތް ގަތުމަށް ދޭ އެލަވަންސާއި، ދެކޮޅު ޓިކެޓުގެ އިތުރުން ވިސާއާއި ހެލްތު އިންސުއަރެންސް ހިމެނެއެވެ. މި ކޯސްތައް ފުރިހަމަކުރުމަށްފަހު، ކޮންމެ ދަރިވަރަކުވެސް 5 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެ ކަމަށް އެމްއެމްއޭއިން ވަނީ ކަނޑައަޅާފައެވެ.
މި ފުރުސަތަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ވަކި ޝަރުތުތަކެއް ފުރިހަމަވާން ޖެހެއެވެ. ޑިގްރީއަށް ކުރިމަތިލާނަމަ އޭލެވެލްގެ ބިޒްނަސް ސްޓްރީމްގެ 3 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް ހިސާބުން 'ބީ' ފާސް އޮންނަން ޖެހޭނެއެވެ. މާސްޓަރސް އަދި ޕީއެޗްޑީއަށް ނަމަ ގުޅޭ ދާއިރާއަކުން ކުރީގެ ސަނަދެއް އޮތުމާއެކު، ހުރިހާ ފެންވަރަކަށްވެސް އިނގިރޭސި ބަހުގެ ފެންވަރު އަންގައިދޭ އައިއީއެލްޓީއެސް ނުވަތަ ޓޯފަލް ނަތީޖާ ހުށަހަޅަން ޖެހޭނެއެވެ.
މި ސްކޮލަޝިޕަށް ޝައުގުވެރިވާ ފަރާތްތަކުން އެމްއެމްއޭގެ އޮންލައިން ފޯމު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ 30 ޖޫން 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން އެމްއެމްއޭގެ ޓްރެއިނިންގ ސެކްޝަނާ ގުޅައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ.
ކޮމެންޓު ފޮނުވާ