ވ. އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި ދައުލަތުން ފަހުން ހުށަހެޅި އައު ހެކިތަކާމެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުގައި ކުރިއަށްދާ އިސްތިއުނާފީ މައްސަލައިގެ ހުކުމް އިއްވުން އަންނަ މަހުގެ 1 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް އެންގިއިރު، ދައުލަތުން ފަހުން ހުށަހެޅި އައު ހެކިތައް ބަލައިނުގަނެވޭނެކަމަށް ވަނީ ކަނޑައަޅާފައެވެ. ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ހައިކޯޓުގެ މި ނިންމުމެވެ. ސުޕްރީމް ކޯޓުގެ ތާވަލުން ދައްކާގޮތުގައި މި މައްސަލައިގެ ހުކުމް އިއްވުން އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 09:00 ގައެވެ.
މި މައްސަލައަކީ އާރަށު މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އިއްވި ހުކުމަކާ ގުޅިގެން އުފެދިފައިވާ މައްސަލައެކެވެ. މީގެ އިތުރުން، ހަމަ މި މައްސަލައިގައި ރިޝްވަތު ދިނުމުގެ ކުށް ސާބިތުވެ 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރި ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ ބައިގެ ހުކުމް ކުރުންވެސް އަންނަ މަހުގެ އެއްވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ. ޔޫސުފް ނައީމްގެ ހުކުމްވެސް ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗަށް އައިސްފައިވާ ބަދަލާއެކު، މިހާރު މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. އަންނަ މަހު ސުޕްރީމް ކޯޓުން އިއްވާ ހުކުމާއެކު، އާރަށު މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަލުން ކުރިއަށްދާއިރު ދައުލަތުގެ އައު ހެކިތައް ބޭނުންކުރެވޭނެކަން ނުވަތަ ނޫންކަން މުޅިން ކަށަވަރުވެގެންދާނެއެވެ.
ކޮމެންޓު ފޮނުވާ