ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގެ މަސައްކަތް ސިފައިން މިއަދު ފަށައިފިއެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މި މަސައްކަތް މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދަނީ މާލޭގެ ތިން ސަރަހައްދެއްގައެވެ. އެއީ މާފަންނު ވެސްޓް ޕާކު ސަރަހައްދާއި، އައިޖީއެމްއެޗް ސަރަހައްދުގެ އިތުރުން ސަލްމާނު މިސްކިތް ހިމެނޭ ސަރަހައްދެވެ. މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އެކި ގަޑިތަކުގައި މާލެއަށް އަންނަނީ ބޯކޮށް ވާރޭވެހެމުންނެވެ.
މޫސުން ގޯސްވުމުގެ ސަބަބުން، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ރީނދޫ ސަމާލު އަދި ބ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން މަޢުލޫމާތުދޭ ގޮތުގައި މިއީ މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައެކެވެ. ކުރިއަށް އޮތް 24 ގަޑިއިރުވެސް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށާއި، އުތުރާއި މެދު ރާއްޖެތެރެއަށް ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވެއެވެ. ނަމަވެސް ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރިނަމަވެސް، މެދުކެނޑުމެއްނެތި ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާނުކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ