ފީފާ ވޯލްޑް ކަޕް 2026 ގެ ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން ދެކުނު އެފްރިކާ ބަލިކޮށް، މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯއިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ބުދަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މި މެޗުގައި މެކްސިކޯއިން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނަގާފައެވެ. ފުރަތަމަ ހާފުގެ ނުވަވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޫލިއަން ކުއިނޯނޭސްއެވެ. މި ލަނޑަށްފަހުވެސް މެކްސިކޯއިން ވަނީ އިތުރު ލަނޑުތަކެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވަނީސް ދެކުނު އެފްރިކާގެ ސްޕެޕޭލޯ ސިޓޯލްއަށް ސީދާ ރަތް ކާޑެއް ދެއްކުމުން އެޓީމަށް ވަނީ ކުޅުންތެރިއަކު މަދުވުމުގެ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައެވެ. މީގެ ފައިދާ ނަގައި، މެޗުގެ 67 ވަނަ މިނެޓުގައި ތަޖުރިބާކާރު ކުޅުންތެރިޔާ ރައުލް ހިމިނޭޒް ވަނީ މެކްސިކޯގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދީފައެވެ.
މެޗުގެ ފަހުކޮޅު ދެ ޓީމުގެ ފަރާތުންވެސް ހަރުކަށި ކުޅުމެއް ފެނިގެންދިޔައިރު، ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައިވަނިކޮށް ދެކުނު އެފްރިކާގެ ތެމްބާ ޒްވާނޭއަށްވެސް ވަނީ ރަތް ކާޑު ދައްކާފައެވެ. އަދި މެޗުގެ އިތުރު ވަގުތުގައި މެކްސިކޯގެ ސެޒާ މޮންޓޭސްއަށްވެސް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.
މިފަހަރުގެ ވޯލްޑް ކަޕަކީ މެކްސިކޯގެ އިތުރުން އެމެރިކާއާއި ކެނެޑާ ގުޅިގެން ހޯސްޓުކުރާ މުބާރާތެކެވެ.
ކޮމެންޓު ފޮނުވާ