ފީފާ ވޯލްޑް ކަޕް 2026 ގައި ދެކުނު އެފްރިކާގެ މައްޗަށް މެކްސިކޯއިން ކުރިހޯދި ފޯރިގަދަ މެޗުގައި، އެ ގައުމުގެ އުއްމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ އާ ރެކޯޑެއް ގާއިމްކޮށްފިއެވެ.
މަޝްހޫރު އަޒްޓެކާ ސްޓޭޑިއަމްގައި 80،000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުން މެކްސިކޯ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ 66 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މޯރާ އަކީ މިހާރު ވޯލްޑް ކަޕެއްގައި މެކްސިކޯ ތަމްސީލުކުރި އެންމެ ޒުވާން ކުޅުންތެރިޔާއެވެ. އުމުރުން އެންމެ 17 އަހަރާއި 240 ދުވަހުގެ މި ކުޅުންތެރިޔާ ވަނީ، މީގެ އެތައް އަހަރެއް ކުރިން 1930 ވަނަ އަހަރުގެ މުބާރާތުގައި 18 އަހަރުގެ މެނުއަލް ރޮސަސް ހަދާފައިވާ ތާރީޚީ ރެކޯޑު މުގުރާލާފައެވެ.
މެކްސިކޯގެ ލޯކަލް ލީގުގައި ކްލަބް ޓިޖުއާނާ އަށް ކުޅެމުން އަންނަ މޯރާ އަކީ ފާއިތުވި ދެ ސީޒަނުގައިވެސް މޮޅު ކުޅުމެއް ދައްކައި، 50 އަށްވުރެ ގިނަ މެޗު ކުޅެ 10 ލަނޑު ކާމިޔާބުކޮށްފައިވާ ހުނަރުވެރި ތަރިއެކެވެ. ރޭގެ މެޗުގައި މެކްސިކޯގެ ލަނޑުތައް ޖަހައިދިނީ ޖޫލިއަން ކުއިނޯނޭސް އާއި ތަޖުރިބާކާރު ފޯވާޑް ރައުލް ހިމެނޭޒް އެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއީ ވޯލްޑް ކަޕެއްގެ ފުރަތަމަ މެޗެއްގައި އެންމެ ގިނަ ރަތް ކާޑު ފެނުނު ފަހަރުވެސްމެއެވެ. މެޗުގެ ދެވަނަ ހާފުގެ ތެރޭގައި ދެކުނު އެފްރިކާގެ ދެ ކުޅުންތެރިންނަށާއި މެކްސިކޯގެ ކުޅުންތެރިއަކަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.
ކޮމެންޓު ފޮނުވާ