އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި ޖަލަށްލާފައިވާ އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ޕެންޓްހައުސްގެ އެއްވެސް މުއާމަލާތެއް ނުކުރުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ހައި ކޯޓުން މި އަމުރު ނެރުނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އެދިގެންނެވެ. މިއީ ބައްސާމް އެ ޕެންޓްހައުސް ގަތުމުގައި އަމީން ކޮންސްޓްރަކްޝަނުން މަނީ ލޯންޑަރ ކުރިކަމަށް ބުނާ މައްސަލަ ދަށު ކޯޓުގައި ސާބިތުނުވުމުން، ޕީޖީ އޮފީހުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެން ނެރުނު އަމުރެކެވެ. ޕީޖީން ތުހުމަތުކުރާ ގޮތުގައި އެ ކުންފުނިން ވަނީ ފައިސާގެ އަސްލު އޮޅުވާލުމަށް ބައްސާމަށް އެހީތެރިވެދީފައެވެ.
ހައި ކޯޓުގެ އަމުރުގައި ވަނީ އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން، އަމީން އެވެނިއުގައި ހުންނަ ބައްސާމްގެ ޕެންޓްހައުސްގައި ހިމެނޭ ދެ ޔުނިޓުގެ މިލްކުވެރިކަން ބަދަލުވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އަންގާފައެވެ. އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވި ނަމަވެސް، މި މައްސަލައިގައި ބައްސާމްގެ މައްޗަށް ކުށް ސާބިތުވެ 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އައިސްފައެވެ. އަދި އޭގެ ކުރިން އެހެން މައްސަލައެއްގައި އޭނާގެ މައްޗަށް ވަނީ 9 އަހަރުގެ ޖަލު ހުކުމެއްވެސް އިއްވާފައެވެ.
ކޮމެންޓު ފޮނުވާ