އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި

އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި

Author
އަހުމަދު
10 ޖޫން 2026 11:45
0

އީރާނުގެ ސަރަހައްދުތަކަށް އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީފިއެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، ބަދަލުހިފުމުގެ މި އޮޕަރޭޝަންގައި ބަހްރައިންގައި ގާއިމުކޮށްފައިވާ އެމެރިކާގެ ފަސްވަނަ ފްލީޓުގެ މައި މަރުކަޒަށާއި، އުރުދުންގައި ހުންނަ އަލް-އަޒްރަގް ބޭހަށް ވަނީ އަމާޒުކޮށްފައެވެ. މިގޮތުން އެ ސަރަހައްދުގައި ހުރި އެމެރިކާގެ ވައިގެ އަދި ކަނޑުގެ ބޭސްތަކުގެ ޖުމްލަ 21 އަމާޒަކަށް ހަމަލާދީފައިވާއިރު، އަލް-އަޒްރަގް ބޭހުގައި ހުރި އެފް-35 މަރުކާގެ ހަނގުރާމަމަތީ ބޯޓުތައް ބަހައްޓާ ތަންތަން ސުންނާފަތި ކުރުމަށް ބޭނުންކޮށްފައިވަނީ ދުރު ރާސްތާގެ "ޚައިބަރު ޝެކަން" މިސައިލެވެ.

މި ހަމަލާތަކަކީ އެމެރިކާގެ ހެލިކޮޕްޓަރެއް ވެއްޓުނު ހާދިސާއާ ގުޅުވައިގެން، އީރާނުގެ ހޮރްމުޒްގާން ޕްރޮވިންސްގެ ޖާސްކް، ސިރިކް އަދި ގޭޝްމްގެ އެކި ސަރަހައްދުތަކަށް އެމެރިކާއިން ދިން އުދުވާނީ ހަމަލާތަކަށް ދިން ރައްދެކެވެ. އީރާނުން ވަނީ އެމެރިކާގެ ހެލިކޮޕްޓަރު ވެއްޓުމުގައި އެގައުމުގެ އެއްވެސް ދައުރެއް ނޯންނާނެކަމަށް ބުނެ، އެމެރިކާގެ ތުހުމަތުތައް ދޮގުކޮށްފައެވެ. މީގެ އިތުރުން، އެމެރިކާއިން އިތުރު އުދުވާނެއް ހިންގައިފިނަމަ، މިއަށްވުރެ މާ ވަރުގަދަ އަދި ފުޅާ ދާއިރާއެއްގެ ހަމަލާތަކެއް ދޭނެކަމުގެ ހަރުކަށި އިންޒާރު އީރާނުގެ އަސްކަރިއްޔާއިން ވަނީ ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.