ސިއްހީ ހާލުކޮޅު ތަންނުދޭތީ ފިނޭންސް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ނަމަވެސް، ސިޔާސީ ގޮތުން އަބަދުވެސް ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަހަތްޕުޅުގައި ކަމަށް ކުރީގެ މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިރޭ ޕީއެންސީ ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ޒަމީރު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މާލީ ގޮތުން އުފުލަންޖެހޭ ބުރަ ޒިންމާތައް، އޭނާގެ ސިއްހީ ހާލަތު މިހާރު ހުރި ގޮތުން އެންމެ ފުރިހަމައަށް އަދާނުކުރެއްވޭނެ ކަމަށެވެ. އެހެންކަމުން، އެފަދަ މުހިންމު މަގާމެއްގައި ހުންނަވައިގެން އެކަށީގެންވާ ވަގުތު ނުދެއްވޭނަމަ އެ މަގާމު ހިސޯރުކޮށްގެން ހުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މަގާމުން ދުރަށް ވަޑައިގެންނެވި ނަމަވެސް، ޕާޓީގައި ތިބި ގާބިލު ޒުވާނުންނަށް ޖާގަދެއްވައިގެން، ސަރުކާރާއި ޕީއެންސީގެ ފިކުރު ކުރިއެރުވުމުގައި ދެމިހުންނަވާނެކަމުގެ ޔަގީންކަން ޒަމީރު ވަނީ ދެއްވާފައެވެ. މީގެ އިތުރުން، ރާއްޖެ ބަނގުރޫޓުވިޔަ ނުދީ، އައިއެމްއެފްގެ އެހީއަކާ ނުލައި 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކަވައި، އިގުތިސާދު ސަލާމަތްކުރެއްވުމަށް ރައީސް މުޢިއްޒު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކަށް އޭނާ ވަނީ ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.
މި ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ޒަމީރު، ފިނޭންސް މިނިސްޓްރީއާ ހަވާލުވެވަޑައިގަތީ ސެޕްޓެމްބަރު 2024 ގައެވެ. އޭނާ ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގެ ރައީސްކަމާއި، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރުތައް ދެނެގަތުމަށް އެކުލަވާލި ހާއްސަ ކޮމިޓީގެ ޗެއަރކަން ވެސް ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ