ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރުކަމުން ދާދިފަހުން އިސްތިއުފާ ދެއްވި އާދަމް ނަސީރު އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ފެންވަރުގެ އައު މަގާމަކަށް އައްޔަންކުރައްވައިފިއެވެ.
ސަރުކާރުގެ ތަރުޖަމާނު ވަނީ އާދަމް ނަސީރު "ސްޕެޝަލް އެޑްވައިޒަރ އޮން ދިވެހި ލޭންގުއޭޖް އެންޑް ނޭޝަނަލް އައިޑެންޓިޓީ" (ދިވެހިބަހާއި ގައުމީ އައިޑެންޓިޓީއާ ބެހޭ ޚާއްސަ މުސްތަޝާރު) ގެ މަގާމާ ހަވާލުވެވަޑައިގެންފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. މިއީ އަލަށް އުފެއްދެވި، ވަޒީރު ފެންވަރުގެ މަގާމެކެވެ.
އާދަމް ނަސީރު ވަޒީރުކަމުން އިސްތިއުފާ ދެއްވީ ރައީސްގެ އެދިވަޑައިގަތުމަކަށް ކެބިނެޓުގެ ބައެއް މެމްބަރުން އެއްފަހަރާ އިސްތިއުފާ ދެއްވި ދަނޑިވަޅެއްގައެވެ. އޭގެ ފަހުން އެ ވުޒާރާގެ ނަން ބަދަލުކޮށް، އައު ވަޒީރުކަމަށް ހީނާ ވަލީދު ވަނީ އައްޔަންކުރައްވާފައެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އާދަމް ނަސީރު ވަނީ އަރަބި ޅެމެއް މީސްމީޑިއާގައި ހިއްސާކުރައްވާފައެވެ. އެ ޅެމުގައި އެހެން މީހުންގެ ކުށްތައް ހޯދުމުގެ ބަދަލުގައި އަމިއްލަ ނަފްސު އިސްލާހުކުރުމުގެ މުހިންމުކަން ފާހަގަކޮށްފައިވާއިރު، ގިނަ ބަޔަކު ދެކޭގޮތުގައި މިއީ ރައީސް މުޢިއްޒަށް އަމާޒުކުރައްވައި ފާޑުވިދާޅުވެ ހިއްސާކުރެއްވި ޅެމެކެވެ. އެ ޅެމުގައި، ބޭރުފުށުން ވަރަށް ރަނގަޅު މީހެއްގެ ގޮތުގައި ފެންނަ ބައެއް މީހުންގެ އެތެރެފުށް ވަރަށް ގޯސްވެދާނެކަމަށް ބަޔާންކޮށްފައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުޢިއްޒު ދާދިފަހުން ވަނީ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. ދައުލަތުގެ އޮނިގަނޑު ކުޑަކޮށް ހަރަދުތައް ކުޑަކުރުމަށް މަސައްކަތްކުރަމުންދާކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނަމުންދިޔަ ނަމަވެސް، އަދިވެސް އައު މަގާމުތައް އުފައްދައި ބޮޑެތި މުސާރަތަކުގައި މީހުން އައްޔަންކުރަމުންދާކަން ފާހަގަކުރެވެއެވެ. އަނެއްކޮޅުން އިންތިޚާބާ ދިމާކޮށް ފެނަކަ ފަދަ ކުންފުނިތަކަށް ވެއްދި އާދައިގެ ރައްޔިތުން ދަނީ އެކި ބަހަނާތައް ދައްކައި ވަޒީފާއިން ވަކިކުރަމުންނެވެ.
ކޮމެންޓު ފޮނުވާ