އައްޑޫ ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން ކުދިންގެ ބައްޕައަކު ނިޔާވި މައްސަލައިގެ ޖިނާއީ ތަހުގީގެއް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.
މެއި 31 ވަނަ ދުވަހު ހިތަދޫ ބޮޑުމަގުގައި ހިނގި މި އެކްސިޑެންޓުގައި ލިބުނު ބޮޑެތި އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، އުމުރުން 48 އަހަރުގެ ރަމީޒް އަބްދުﷲ ނިޔާވީ ހޯމަ ދުވަހުގެ ރޭ މާލޭގައެވެ. މި އެކްސިޑެންޓުގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ރަމީޒް ދުއްވާފައި ދިޔައީ ގަވާއިދާ އެއްގޮތަށް އަމިއްލަ ލޭނުންނެވެ. ނަމަވެސް ކުރިމަތިން ބާރު ސްޕީޑުގައި ގަވާއިދާ ޚިލާފަށް އޯވަޓޭކް ކުރަން އުޅުނު ސައިކަލެއް އައިސް އޭނާގެ ސައިކަލުގައި ޖެހުނީއެވެ.
ހިތަދޫ ފެނަކަ ބްރާންޗުގައި މަސައްކަތްކުރި ރަމީޒްގެ ބޮލަށް ލިބުނު ބޮޑެތި އަނިޔާތަކާ ގުޅިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ ފަހުން ވަނީ މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
މި އެކްސިޑެންޓުގައި ދެވަނަ ސައިކަލު ދުއްވި މީހާއަށްވެސް އަނިޔާވެފައިވާއިރު، އޭނާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.
ފުލުހުންގެ ތަރުޖަމާނަކު އަންގާރަ ދުވަހު "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ބޮޑު ޖިނާއީ ތަހުގީގެއްގެ ގޮތުގައި ބަލަމުންދާ މައްސަލައެއް ކަމަށެވެ. އަދި އަނެއް ސައިކަލު ދުއްވި މީހާއަކީ ލައިސަންސް އޮންނަ މީހެއްކަންވެސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.
ރަމީޒް ނިޔާވުމާ ގުޅިގެން އޭނާގެ އަންހެނުން އާމިނަތު އަޒްރާ ފޭސްބުކްގައި ކުރި އަސަރުގަދަ ޕޯސްޓެއްގައި އޭނާ ސިފަކޮށްފައިވަނީ ވަރަށް ހިތްހެޔޮ، ތެދުވެރި، މަޑުމައިތިރި އަދި ދީންވެރި މީހެއްގެ ގޮތުގައެވެ. ރަމީޒް ނިޔާވިއިރު އޭނާގެ އަންހެނުންނާއި 3 އަންހެން ކުދިން ދުނިޔޭގައި އެބަތިއްބެވެ.
ކޮމެންޓު ފޮނުވާ