ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓި އަމުރު ބާތިލް ކުރުމުން ދައުލަތުން ސުޕްރީމް ކޯޓަށް

ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓި އަމުރު ބާތިލް ކުރުމުން ދައުލަތުން ސުޕްރީމް ކޯޓަށް

Author
މުޙައްމަދު ޝަޒައިމް
14 ޖެނުއަރީ 2021 09:41
0

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލް ކުރުމުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ބޭސްފަރުވާއަށް ދުބާއީއަށް ފުރުމުގެ ހުއްދަ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދަށް ނުދޭން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލްކޮށް، ޖިހާދަށް ބޭސްފަރުވާއަށް ފުރައިގެން ދިއުމުގެ ހުއްދަ ހައިކޯޓުން ހުކުމް ކޮށްފައިވަނީ އިއްޔެގައެވެ.

ކުރީގެ ނާއިބު ރައީސް ޢަބްދުﷲ ޖިހާދުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ މި މައްސަލައިގައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ޢަބްދު الله ޖިހާދުގެ ފަރާތުންނާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފާރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ކްރިިނަލްކޯޓުން ކޮށްފައިވާ އަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ނެރެފައިވާ އަމުރެއްކަމުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެ އަމުރު ބާޠިލުކޮށް ހުކުމް ކޮށްފައިވާކަމަށެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ކޮށްފައެވެ. އެއީ އޭނާ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ފިނޭންސް މިސްޓަރުކަން ކުރެއްވި އިރު، ނިންމެވި ނިންމުމަކާ ގުޅިގެންނެވެ. އެ މައްސަލަ ސާބިތުވެއްޖެ ނަމަ ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އޭގެ އިތުރުން، އޭސީސީއިން އަންނަނީ އޭނާއަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއްވެސް ބަލަމުންނެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ޖިހާދުގެ ގާނޫނީ ވަކީލް ހަސަން ފަލާހް ވަނީ ޖިހާދަށް ދިމާވެފައިވާ ސިއްހީ ގިނަ މައްސަލަތައް ފާހަގަކުރައްވައިފައެވެ. މި ގޮތުން އިމްސޮމްނިއާ އާއި ހަކުރު ބަލި އާއި އަވަސް އަވަހަށް ކުޑަ ކަމުދެވޭ ބަލި ފަދަ ބަލިތައް ވަކީލް ހަސަން ފަލާހް ފާހަގަކުރެއްވިއެވެ. އޭނާގެ ދެ ދަރިން ކިޔަވަން ގޮސް ތިބެނީ ދުބާއީގައި ކަމަށާއި، އެ ދެ ދަރިންނާ ބައްދަލު ނުކުރެވޭތާ ގިނަ ދުވަސްވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އޭގެ ތެރެއިން އެއް ދަރިފުޅު ބަލި ކަމަށްވެސް ވިދާޅުވި އެވެ. ދައުލަތުން ވަނީ، ޖިހާދު ރާއްޖެއިން ބޭރަށް ފުރުމަށް އިއުތިރާޒު ކޮށްފަ އެވެ. ދައުލަތުން އިއުތިރާޒު ކުރާ ސަބަބު އޮޅުންފިލުވަން ގާޒީ ސަމީރު ގިނަ ސުވާލުތަކެއް ކުރެއްވި އެވެ.

ދައުލަތުގެ ވަކީލު ބުނީ، ޖިހާދަށް ކޮށްފައިވާ ދައުވާ އަކީ ޖިނާއި ބޮޑު ދައުވާއަކަށް ވާއިރު، އަދި އޭނާއަށް ފަސް އަހަރުގެ ހުކުމެއް އައުމުގެ ފުރުސަތު އޮތް އިރު އޭނާ ފުރައިފި ނަމަ އޭނާ ފިލާފާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ދުބާއީއާއި ރާއްޖެއާ ދެމެދު އެކްސްޓްރަޑިޝަން އެއްބަސްވުމެއް ނެތުމުން އޭނާ ފިލައިފި ނަމަ ހައްޔަރުކޮށްގެން ރާއްޖެއަށް ގެނެވޭނެ ގޮތެއްވެސް ނޯންނާނެ ކަަމަށް ބުންޏެވެ.

ޖިހާދަށް ދައުވާ ކުރީ، ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަ އެގްރިމެންޓެއް ހެދުމަށް 2011 ވަނަ އަހަރު ނޮވެމްބަރު 29 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމި އެވެ. އެ ނިންމުމުގައި ވާގޮތުން އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދު ކުރާކަށް ނުޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.