ވޯލްޑް ކަޕަށް ދިޔަ އީރާން ޓީމުން, ޝަހީދުވި 168 ކުދިންގެ ހަނދާން އާކޮށްފި

ވޯލްޑް ކަޕަށް ދިޔަ އީރާން ޓީމުން, ޝަހީދުވި 168 ކުދިންގެ ހަނދާން އާކޮށްފި

Author
އަހުމަދު
09 ޖޫން 2026 10:38
0

އެމެރިކާ އާއި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕަށް މެކްސިކޯއަށް އެތެރެވި އީރާންގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން، މޭމަތީގައި ޚާއްސަ ބެޖެއް ޖަހައިގެން ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.

ކުޅުންތެރިންގެ ޖެކެޓުގައި ރަން ކުލައިން "#168″ ޖަހާފައިވަނީ، އީރާނުގެ މިނާބް ސިޓީގައި ހުންނަ ޕްރައިމަރީ ސްކޫލަކަށް ދިން މިސައިލް ހަމަލާއެއްގައި ޝަހީދުވި 168 ކުދިންގެ ހަނދާނުގައެވެ. މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ދިން މި ހަމަލާއަކީ އެމެރިކާގެ ޓޮމަހޯކް މިސައިލަކުން ދިން ހަމަލާއެއްކަން ފަހުން ވަނީ ހާމަވެފައެވެ. ނަމަވެސް އެމެރިކާ އާއި އިސްރާއީލުން ވަނީ މިކަމުގެ ޒިންމާ ނަގަން އިންކާރުކޮށްފައެވެ.

މީގެ ކުރިން މާރިޗު މަހު ތުރުކީގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގައިވެސް އީރާން ޓީމުން ވަނީ ގައުމީ ސަލާމް ކީ ވަގުތު ކުޑަކުދިންގެ ދަބަސްތަކެއް ހިފައިގެން ތިބެ މި ހާދިސާއަށް ދުނިޔޭގެ ސަމާލުކަން ހޯދަން މަސައްކަތްކޮށްފައެވެ. އީރާން ޓީމުން އެންމެ ފުރަތަމަ އެމެރިކާގެ އެރިޒޯނާގައި ކޭމްޕްކުރަން ނިންމި ނަމަވެސް، ޓީމުގެ ބައެއް އޮފިޝަލުންނަށް އެމެރިކާގެ ވިސާ ނުލިބުމުގެ ސަބަބުން މިހާރު ވަނީ ކޭމްޕް މެކްސިކޯގެ ޓިހުއާނާއަށް ބަދަލުކޮށްފައެވެ.

މި މުބާރާތުގައި އީރާން ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ ނިއުޒިލޭންޑާ ދެކޮޅަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.