ފިޗް ރޭޓިންގްސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީސީ' އިން 'ސީސީސީ މައިނަސް' އަށް މަތިކުރުމަކީ، ސަރުކާރުން ގެންގުޅޭ ދުރުވިސްނޭ އިގުތިސާދީ ސިޔާސަތުތަކާއި ދަރަނި އަދާކުރުމަށް ކުރަމުންދާ މަސައްކަތުގެ ކާމިޔާބީ ސާބިތުކޮށްދޭ ކަމެއް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އޮތް ބޮޑެތި އަދި ޣައިރު ޒިންމާދާރު ދަރަނިތައް ދައްކައި ޚަލާސްކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި ފިޗުގެ ރޭޓިންއަށް އައި ހެޔޮ ބަދަލާއެކު ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި އިންވެސްޓަރުން ރާއްޖެއާމެދު ދެކޭގޮތް ބަދަލުވެ، ބޭރުގެ އިތުބާރު ބޮޑުވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. ރާއްޖޭގެ މާލީ ހާލަތު އިތުރަށް ރަނގަޅުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖެހޭ ދުވަހަކުން އެކަމުގެ އުފާފާޅުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ކޮވިޑް-19ގެ ދުވަސްވަރު ނެގި ބޮޑެތި ލޯނުތަކާއި، ސުކޫކުގެ ގޮތުގައި ނެގި ބައި ބިލިއަން ޑޮލަރުގެ އިތުރުން ފައިސާ ޗާޕުކުރުމުގެ ސަބަބުން އިގުތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އެހެންނަމަވެސް، މި ސަރުކާރުން ޚަރަދުތައް ކުޑަކޮށް، ބަޖެޓުގެ ޑެފިސިޓް ފަސް ބިލިއަން ރުފިޔާއިން ދަށްކޮށް، ރެކޯޑު އަދަދަކަށް އާމްދަނީ ހޯދާފައިވާކަން އެއީ ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އަދި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ ޖީޑީޕީގެ ނިސްބަތުން ދަރަނި 130 އިންސައްތައަށްވުރެ ދަށްކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ އޭޕްރިލް މަހު ދައްކަންޖެހުނު 524.68 މިލިއަން ޑޮލަރުގެ ސުކޫކު ފައިސާ ސަރުކާރުން ދައްކައި ޚަލާސްކުރުމަކީ ރާއްޖެއަށް ދަރަނި ނުދެއްކުމުގެ ނުރައްކާ ކުޑަވެފައިވާ ކަމުގެ ހެއްކެއް ކަމަށް ފިޗުން ވަނީ ބުނެފައެވެ. މީގެ އިތުރުން، އާމްދަނީ އިތުރުކުރުމަށް ގެންނަ އިސްލާހުތަކާއި ބޭރު ފައިސާ މާރުކުރުމުގެ އާ ގަވާއިދުތަކުގެ ސަބަބުން ދައުލަތަށް ލިބޭ ޑޮލަރުގެ މިންވަރު އިތުރުވާނެކަން އެ އިދާރާއިން ފާހަގަކުރިއެވެ. އެހެންނަމަވެސް، ރާއްޖޭގެ މާލީ ދެ ޑެފިސިޓް ބޮޑުވުމާއި، ފައިސާގެ ރިޒާވް ދަށްވުމުގެ އިތުރުން ފަތުރުވެރިކަމަށް މާބޮޑަށް ބަރޯސާވެފައި އޮތުމުގެ ނުރައްކާތައް އަދިވެސް އިގުތިސާދުގައި އެބަހުރި ކަމަށް ފިޗުން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ