ލަންކާގެ ކޮލަމްބޯ ޕޯޓުން ރާއްޖެއަށް ކޮންޓޭނަރު ގެނައުމުގައި ހުރި ދަތިތައް އެއްކޮށް ހައްލުކޮށް، ދަތުރުތައް އާންމު ހާލަތަކަށް ގެނެވިފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
މިއަހަރުގެ ކުރީކޮޅުން ފެށިގެން މުދާ ގެންނަ ބޯޓުތަކާއި ކޮންޓޭނަރުތައް ކުއްލިއަކަށް އިތުރުވުމުގެ ސަބަބުން، މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާހުރެ މުދާ ބޭލުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވިއެވެ. ނަމަވެސް، އެމްޕީއެލްގެ އޮޕަރޭޝަންސް ޓީމުން ކުރި ބުރަ މަސައްކަތުން، އޭޕްރީލް މަހުން ފެށިގެން ކޮލަމްބޯގައި ތާށިވެފައި ހުރި 4000 އަށްވުރެ ގިނަ ޓީއީޔޫ (ކޮންޓޭނަރު) މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. އަދި މިހާރު ދެ ގައުމުގެ ދެމެދުގައި މުދާ އުފުލާ ބޯޓުތަކުގެ ދަތުރުތައް ކުރިއަށްދަނީ ކުރިންވެސް އޮންނަ އާންމު ޝެޑިއުލާ އެއްގޮތަށެވެ.
ބަނދަރުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން މިހާރު އަންނަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫއެއް ހިންގަމުންނެވެ. ތިލަފުށިން ހޯދާފައިވާ 20 ހެކްޓަރުގެ ބިމެއްގައި ހިންގާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ޗައިނާގެ ސީއެޗްއީސީއާ ހަވާލުކޮށްފައިވާއިރު، 100 މީޓަރުގެ ކީވޯލް އާއި ޕޭވިންގ މަސައްކަތް ކުރަމުން އަންނަނީ އެމްޓީސީސީންނެވެ.
އެމްޕީއެލްގެ އަމާޒަކީ މިއަހަރުގެ އޮކްޓޫބަރު މަހަށް އެ ސަރަހައްދުގެ މަސައްކަތްތައް ނިންމައި، ކަނޑުމަގުން މުދާ ކްލިއާކުރުމުގެ ހިދުމަތް ފެށުމެވެ. މި ބަދަލާއެކު ވިޔަފާރިވެރިންނަށާއި އާންމުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ސަބަބަކީ، މިހާރު ބޯޓެއް ހުސްކުރަން 5 ނުވަތަ 6 ދުވަސް ނަގާއިރު، އާ ބަނދަރުގެ ފުރަތަމަ ފިޔަވަހި ނިމުމުން އެންމެ 48 ގަޑިއިރުގެ ތެރޭގައި އާގުބޯޓުތައް ހުސްކުރެވޭނެތީއެވެ.
ކޮމެންޓު ފޮނުވާ