ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު އިއްވި ހުކުރު ޚުތުބާގައި، އިސްލާމީ މުޖުތަމަޢެއްގެ ހަމަޖެހުމާއި އަމާންކަމުގެ އެންމެ މުހިންމު ބިންގަލަކީ ހެޔޮ ކަންތަކަށް އަމުރުކުރުމާއި ނުބައި ކަންތައްތައް ނަހީކުރުން ކަމުގައި ބަޔާންކޮށްފިއެވެ.
ޚުތުބާގައި އަލިއަޅުވާލާފައިވާ ގޮތުގައި، މުޖުތަމަޢު ފަސާދައިން ސަލާމަތްކުރުމަށްޓަކައި މިއީ ކޮންމެހެން އަދާކުރަންޖެހޭ ދީނީ އަދި އިޖުތިމާޢީ ވާޖިބެކެވެ. ޚާއްޞަކޮށް މިއީ ވެރިކަމާއި ބާރުވެރިކަން ލިބިފައިވާ ފަރާތްތަކުގެ އެންމެ އިސް އެއް މަސްއޫލިއްޔަތުކަން ކީރިތި ޤުރުއާނުގެ އަލީގައި ވަނީ ސާފުކޮށްދީފައެވެ. މިގޮތުން، ބިމުގައި ބާރުވެރިކަން ލިބުމުން ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ހެޔޮކަންކަމަށް އަމުރުކުރުމަކީ މުއުމިނުންގެ މަތިވެރި ސިފައެއްކަން ފާހަގަކޮށް، ރާއްޖޭގެ އިޖުތިމާޢީ އަދި އަޚުލާޤީ ފޭރާމަށް އަންނަމުންދާ ބަދަލުތަކާއެކު މީސްތަކުންގެ ލެޔާއި މުދަލާއި އަބުރު ރައްކާތެރިކުރުމުގެ މުހިންމުކަން ވަނީ ހަނދާންކޮށްދީފައެވެ.
މީގެ އިތުރުން، މުޖުތަމަޢުގައި ހިނގާ ނޭއްގާނީ ކަންކަން ހުއްޓުވުމަށް ކޮންމެ ފަރުދަކުވެސް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން މަސައްކަތް ކުރުމަށް ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުން ވަނީ ބާރުއަޅުއްވާފައެވެ. މި ޒިންމާ ދޫކޮށްލައިފިނަމަ ނަވެއް ފެތިގެންދާ ފަދައިން މުޅި މުޖުތަމަޢު ހަލާކުގެ ތެރެއަށް ވެއްޓިދާނެކަމުގެ އިންޒާރު ދެމުން، އިމާމް ޣަޒާލީގެ ބަސްފުޅަކަށް ރިޢާޔަތްކޮށް ޚުތުބާގައި ބުނެފައިވަނީ، މިކަން ހުއްޓާލައިފިނަމަ ދީނުގެ އަސާސްތައް މުލުން ލުހި، ފަސާދަ ޢާންމުވެގެން ހިނގައިދާނެ ކަމަށެވެ. އެހެންކަމުން، ހަރުދަނާ އަޚުލާޤީ ޖީލެއް ބިނާކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއި، ދީނީ ޢިލްމުވެރިންނާއި، މުދައްރިސުންގެ އިތުރުން މައިންބަފައިން ގުޅިގެން އެކަތިގަނޑަކަށްވެ މަސައްކަތް ކުރުމަށް މިއަދުގެ ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
ކޮމެންޓު ފޮނުވާ