ސަރުކާރުގެ ގެރެންޓީއާއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެރޭ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތުގެ ބަޖެޓުގެ ޚަރަދުތައް ފޫބެއްދުމުގެ ބަދަލުގައި، އަމިއްލަ ވިޔަފާރިތަކާއި އިންވެސްޓްމަންޓްތައް ފުޅާކުރުމަށް އަމާޒުކޮށްފައިވާ މުއާމަލާތެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މި ސުކޫކުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަހައްދަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކޮށް، ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމެވެ. މިނިސްޓަރު ޒަމީރު ފާހަގަކުރެއްވި ގޮތުގައި މިއީ ސަރުކާރާއި ބީއެމްއެލް ގުޅިގެން މެދު ރާސްތާގައި އިގްތިޞާދީ ހަރަކާތްތައް އިތުރުކޮށް، އަމިއްލަ ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ފަށާފައިވާ މުހިންމު މަސައްކަތެކެވެ. މީގެ ސަބަބުން ދައުލަތަށް އާމްދަނީ ލިބޭނެ އައު މަގުތައް ތަނަވަސްވެ، ކުރިއަށް އޮތް އަހަރުތަކުގައި ކަނޑައަޅާފައިވާ މާލީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިކަންކަމާ ގުޅޭގޮތުން މިނިސްޓަރު ވާހަކަފުޅުދައްކަވާފައި މިވަނީ، ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ 'ސީސީ' އިން 'ސީސީސީ މައިނަސް' އަށް ދާދިފަހުން މަތިކޮށްފައިވާ ދަނޑިވަޅެއްގައެވެ. ފިޗުން ރާއްޖޭގެ ރޭޓިންގ މަތިކުރީ މިދިޔަ އޭޕްރިލް މަހު ދައްކަންޖެހުނު ސުކޫކުގެ ފައިސާ ދައުލަތުން ދައްކައި ޚަލާޞްކުރުމާ ގުޅިގެންނެވެ. މީގެ އިތުރުން، ބޭރު ފައިސާއާ ބެހޭ އައު ގާނޫނާއި ސަރުކާރުން ތައާރަފުކުރި މާލީ އިސްލާހުތަކުގެ ސަބަބުން ދައުލަތަށް ބޭރު ފައިސާ ހޯދުމުގެ ގާބިލުކަން އިތުރުވެފައިވާކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ. ފާއިތުވި ދެ އަހަރު ފިޗުން ރާއްޖޭގެ ރޭޓިންގ ދަށްކޮށް ހިފަހައްޓާފައި އޮތުމަށްފަހު، މި ލިބުނު ކުރިއެރުމަކީ އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ލިބުނު ބޮޑު ބާރެކެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައިނަލްއަގުވާމީ މަސްރަހުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ކުރު ރާސްތާގައި އިގުތިސާދަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް، ސަރުކާރުގެ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ ސަބަބުން އެފަދަ ލޮޅުންތަކުން އަރައިގަތުމުގެ ބާރު މިހާރު ލިބިފައިވާ ކަމަށެވެ. އަދި ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކަށް ބުރޫނާރާނެހެން ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމާއެކު، ސަރުކާރުގެ ސްޓްރެޓީޖިކް އިންވެސްޓްމެންޓްތަކުގެ އެހީގައި ރާއްޖޭގެ އިގުތިސާދު ވަރަށް އަވަހަށް އާންމު ހާލަތަކަށް ރުޖޫއަވާނެ ކަމުގެ ޔަގީންކަން އެ މިނިސްޓްރީން ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ